18 Jun 2013, 17:45
އެމްޑީޕީގެ ހަބަރުތަކައީ ހަރަކާތްތައް ރާއްޖެ ޓީވީ އިން ދައްކާ ވަރު މަދުވެގެން އެ ޕާޓީގެ ގައުމީ މަޖިލީސްގެ މެންބަރުން ޝަކުވާކޮށްފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ކަންތައް ކުރިއަށްދާގޮތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި މިއަދު ބޭއްވި އެމްޑީޕީ ގައުމީ މަޖިލީސް ބައްދަލުވުމުގައި ގައުމީ މަޖިލީސްގެ މެންބަރުން ވަނީ އެ ޕާޓީގެ ކެމްޕޭންގެ ކަންތައް ކުރިއަށްދާގޮތާއި އަދި ކެމްޕޭންގައި ރަނގަޅުކުރަން ހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފަ އެވެ.
ބައެއް މެންބަރުން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވާ ޖަލްސާތައް އެންމެ އެދެވޭގޮތުގައި ރާއްޖެ ޓީވީން މިހާރު ދައްކަމުން ނުދާ ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދު ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކުގެ ރެކޯޑިން ގިނަގިނައިން ރާއްޖެ ޓީވީން ދައްކަން ޖެހޭ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
ދިޓީވީއާ ވީޓީވީން އެމްޑީޕީއާ އެއްކޮޅަށް ޚަބަރު ނުކިޔާ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ވިދާޅުވީ އެކަން އެގޮތަށް ނުކުރި ނަމަވެސް ވިޔަފާރީގެ އުސޫލުން ވަގުތުގަނެގެން ވެސް އެ ދެ ޗެނަލުން އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ދައްކަން ޖެހޭ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވެސް ވަނީ ވާހަކަފުޅުދައްކަވާފަ އެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެންޓިކޮރަޕްޝަން ކޮމިޝަނުން ނެރެފައިވާ ރިޕޯޓުން ޖީއެމްއާރަށް އެއާޕޯޓު ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް އެމަނިކުފާނުގެ ސަރުކާރުން ހިންގާފައި ނުވާކަމަށް އެނގިފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލް ނެރުއްވާ ރިޕޯޓުތައް އެޕާޓީން ބަލައިގަންނާނެ ކަމަށެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެއްވެސް ކަމެއް ފާސްކޮށްފައެއް ނުވެ އެވެ. މިއަދުގެ ބައްދަލުވުމުގައި އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕޭންގެ ކަންތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުންނެވެ.
މިއަދުގެ ބައްދަލުވުމުގައި އެޕާޓީއާ ގުޅިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދުގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.