02 Nov 2010, 07:10
ކޮންމެ ކުއްޖަކީ ވެސް އެ ކުއްޖަކަށް ލިބިފައިވާ ތަޢްލީމާއި ހުނަރުގެ މައްޗަށް ކަންތައްތައް ނިންމާ، ކުޅަދާނަ ކުއްޖަކަށް ވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު އިލްތިމާސް ކުރައްވައިފި އެވެ.
ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންގެ 2010 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ދަރުބާރުގޭގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކު ވެސް ކަންކަމާ ފިކުރުކޮށް، ބުއްދީގެ ބޭނުން ކުރަން ޖެހޭނެ ކަމަށާއި ދިރިއުޅުމުގެ އާ މަގުތައް ކޮށުމަށް އަދި އެ މަގުތައް ހޯދުމަށް ހުރަހެއް އޮތް ނަމަ، އެހުރަހެއް އޮތީ އަޅުގަނޑުމެންގެ ސިކުނޑީގައި ކަމަށެވެ.
ކޮންމެ ކުއްޖަކީ ވެސް އެކުއްޖަކު ބޭނުންވާ ގޮތަށް ކުރިމަގު ބައްޓަން ކުރެވޭނެ ކުއްޖަކަށް ވާންވާނެ ކަމަށް ވިދާޅުވެ، އަދި ތިމާގެ މުސްތަޤްބަލު ވަނީ ތިމާގެ އަތްމަތީގައިކަން، ކޮންމެ ކުއްޖަކު ވެސް ޤަބޫލު ކުރުމަށް ނައިބު ރައީސް ނަޞޭޙަތްތެރިވެވަޑައިގެންނެވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ބޭނުންވާ ކަންތައް ކުރެވޭގޮތް ނުވެގެން، މާޔޫސްވެގެން، އެހެން ކަމެއް ނުކުރާ ގޮތަށް ނިންމުމަކީ، ރަނގަޅު ގޮތެއް ނޫން ކަމަށާއި މަދްރަސީ ތަޢްލީމުގެ އެންމެބޮޑު މަޤްޞަދަކީ، ދަރިވަރުންނަށް ދިމާވާ މުހިންމު ކަންކަމުގައި ފިކުރުކޮށް، އެކުދިންގެ ލާބައާއި މަންފާއަށް ކަންކަން ކުރުން ކަމުގައިވެސް ވިދާޅުވި އެވެ. އަދި ކުދިންނަކީ މިލްކެއް ނޫން ކަމާއި ކުދިންނަކީ އަމާނާތެއްކަން ބެލެނިވެރިންނަށް ނައިބު ރައީސް ހަނދާންކޮށްދެއްވި އެވެ. އޭ ލެވެލަށް ކިޔަވައި ނިމުމަކީ ސާނަވީ ތަޢްލީމުގެ އެންމެ އުސް ހަރުފަތަށް ކިޔަވާ ނިމުންކަން ނައިބު ރައީސް ހާމަކުރައްވަމުން، ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް، މި ހަރުފަތް ބަލާފައި ވަނީ ވަރަށް މުހިންމު ހަރުފަތެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ސީ.އެޗް.އެސް.އީ.ގެ މިވޭތުވެ ދިޔަ އަހަރުތަކުގައި، އެ މަރްކަޒުވަނީ ވަރަށް ފުރިހަމަ ނަތީޖާތަކެއް ހޯދާފައިކަން ފާހަގަކުރައްވަމުން، އެ މަރްކަޒުން ކިޔެވި ދަރިވަރުން މިއަދު އެކިއެކި މުހިންމު މަގާމުތައް ފުރަމުން ގެންދާކަމަށް ވިދާޅުވި އެވެ. އަދި އެ ސެންޓަރުގެ ދަރިވަރުން މި އަހަރުގެ އޭ ލެވެލް އިމްތިޙާނުން ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާތީ، އެކަން ނައިބު ރައީސް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
މި އަހަރުގެ އޭ ލެވެލް ނަތީޖާއަށް ބަލާ އިރު، ޔުނިވަސިޓީތަކަށް ވަދެވޭ ފެންވަރަށް ފާސްވެފައިވާ ކުދިންގެ ޕަސެންޓޭޖަކީ 76 ކަމަށް ރައީސް އޮފީހުން ބުންޏެވެ.