ސިޔާސީ ހަރަކާތް ހިންގުމަށް އެމްޑީޕީއަށް ދޫކޮށްފައިވާ އުސްފަސްގަނޑު ސަރަހައްދު ހުސްކުރުމަށް ފަހު ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް އެއްވެސް ނޯޓިސްއެއް ފޮނުވާފައި ނުވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލް ހޯލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ސަމާހު ރަޝީދު ވިދާޅުވީ މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން މިއަދު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގައި ނޯޓިސް ފޮނުވާކަހަލަ ވާހަކަފުޅެއް ދައްކަވާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އުސްފަސްގަނޑު ހުސްކުރުމުގެ ނޯޓިސްއެއް ފޮނުވުމުގެ ވިސްނުންފުޅެއް މިނިސްޓަރު ނުގެންގުޅުއްވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އުސްފަސްގަނޑު ހުސްކުރުމަށް އަންގައި ހައުސިން މިނިސްޓްރީގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް އެއް ވެސް ނޯޓިސް އެއް ލިބިފަ އެއް ނެތޭ. އުސްފަސްގަނޑު ހުސްކުރުމަށް އަންގައި މާލޭ ސިޓީ ކައުންސިލަށް ނޯޓިސް ފޮނުވާފައިވާ ކަމުގެ އަޑުތައް ރަށުތެރޭގައި އަދި މީޑިއާތަކުގައި ފެތުރޭތީ އަޅުގަނޑު މިއަދު މިނިސްޓަރާ ކޮމިޔުނިކޭޓް ކުރިން. ދެން މިނިސްޓަރު ވިދާޅެއް ނުވޭ އުސްފަސްގަނޑު ހުސްކުރުމުގެ ނޯޓިސް އެއް ފުވާފައިވާ ކަމަކަށް. ދެން އަޅުގަނޑު ދަންނަވަން ބޭނުން ވަނީ މިނިސްޓާރު ބޭނުން ނުވާކަން އެތަން ހުސްކުރަން. އުސްފަސްގަނޑު ހުސްކުރުމުގެ ނޯޓިސް އެއް ދިނުމުގެ ވިސްނުމެއް މިނިސްޓަރުގެ ނެތް،" ސަމާހު ވިދާޅުވި އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ހަތް ދުވަހުގެ ތެރޭގައި އެތަން މިނިސްޓްރީއާ ހަވާލުކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ފުރަތަމަ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ އެންގުމަށް އަމަލުކޮށްފައި ނުވާތީ އިއްޔެ ދެވަނަ ނޯޓިސްއެއް ފޮނުވީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މުއިއްޒު ވިދާޅުވީ ނޮޓިސް ފޮނުވާފައި ވަނީ އެތަނުގައި ހުރި ހުރިހާއެއްޗެއް ހުސްކުރުމަށް ފަހު މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ކަމަށެވެ. އަދި އެ އެންގުމަށް އަމަލުނުކޮށްފި ނަމަ ފުލުހުން މެދުވެރިކޮށް އެތަން ހައުސިން މިނިސްޓީގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ބުރާސްފަތި ދުވަހު ނެރޭ ސަރުކާރުގެ ގެޒެޓުގައި އެ ނޯޓިސް ޝާއިއުކުރެވޭނެ ކަމަށާއި އެ ނޯޓިސްގައިވާ ގޮތުގެމަތިން އެތަން ހަވާލުނުކޮށްފިނަމަ އޭގެ ފަހުން އެތަނުގައިވާ ތަކެއްޗަށް ލިބޭ ގެއްލުމަކަށް ސަރުކާރުން ޒިންމާ ނުވާނެ ކަމަށެވެ.

އުސްފަސްގަނޑުގެ މައްސަލައިގައި އެންމެ ފުރަތަމަ ސަރުކާރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަނީ ހައުސިން މިނިސްޓްރީއާ އެތަން ހަވާލުކުރުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ މާލޭ ސިޓީ ކައުންސިލުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ގާނޫނާ ޚިލާފަށް އުސްފަސްގަނޑު ސަރަހައްދު ބޭނުން ކުރާނަމަ އެތަން އަތުލުމަށް ކޯޓުއަމުރެއް ބޭނުން ނުވާނެ ކަމަށެވެ.