މިދިޔަ އަހަރުގެ ފެބްރުއަރީ 7، 8ގައި ބައެއް ފުލުހުންގެ ފަރާތުން ފެނުނު ޖިނާއީ ކުށްތަކާ ގުޅިގެން ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ދައުވާ ކުރަން ފޮނުވި ހަ ފުލުހުންގެ ތެރެއިން ފަސް ފުލުހަކާ މެދު ޝަރީއަތުން ގޮތެއް ނުނިންމަނީސް ފިޔަވަޅު ނޭޅުމަށް ފުލުސް އޮފީހުން ނިންމައިފި އެވެ.

ޕްރޮފެޝަލަން ސްޓޭންޑާޑްސް ޑައިރެކްޓްރޭޓުން ބަލަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ފުލުހުންގެ ވެބްސައިޓަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ޕީއައިސީން ދައުވާ ކުރަން ފޮނުވި ހަ ފުލުހުންގެ ތެރެއިން އެކަކާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަނެއް ފަސް ފުލުހުންނާ މެދު ޝަރީއަތުން ގޮތެއް ނުނިންމަނީސް އިދާރީ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަށް އަލީ ރަޝީދު ވިދާޅުވެފައިވެ އެވެ.

ޕީއައިސީން ދައުވާ ކުރަން ފޮނުވި ހަ ފުލުހުންގެ ތެރެއިން ހަމައެކަނި އެންމެ ފުލުހަކާ މެދު ފިޔަވަޅު އަޅަން ނިންމި ސަބަބެއް އަލީ ރަޝީދު ވިދާޅެއްނުވެ އެވެ. އަދި އެ ފުލުހުންގެ ވަނަވަރެއް ވެސް އޭނާ ހާމައެއްނުކުރެ އެވެ.

ފުލުހުނާ ގުޅޭ ގޮތުން ޕްރޮފެޝަލަން ސްޓޭންޑާޑްސް ޑައިރެކްޓްރޭޓަށް ހުށަހަޅާފައިވާ މައްސަލަތައް ތަފްސީލުކޮށްދެއްވަމުން އަލީ ރަޝީދު ވިދާޅުވީ ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ އާއި ފުލުހުންގެ ފަރާތުން އާންމުންނަށް އަނިޔާ ކުރާ ކަމުގެ ޝަކުވާއާއި ފުލުހުން ހަޑިހުތުރު ބަހުރުވަ ބޭނުންކުރުމާއި ފުލުހުންގެ ވާހަކަދެއްކުމުގެ ބަހުރުވައާ ގުޅޭ ގޮތުން ވެސް ޝަކުވާ ކުރަމުންދާ ކަމަށެވެ. އަދި ފުލުހުން ތަބާވާންޖެހޭ ގަވާއިދުތަކާއި އުސޫލުތަކަށް ތަބާނުވުމާއި ވަޒީފާ އަށް ފަރުވާ ކުޑަކުރުމުގެ ޝަކުވާ ލިބެމުންދާ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާއި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފުލުހުންގެ ފަރާތުން ފެނުނު ޖިނާއީ މައްސަލަތަކާ ގުޅިގެން ދައުވާ ކުރަން ފޮނުވި ފުލުހުންނާ މެދު ފިޔަވަޅުނާޅައި އެ ފުލުހުން އަދިވެސް ވަޒީފާގައި ތިބޭތީ، ޕީއައިސީން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ޕީއައިސީގެ ނާއިބު ރައީސް ހާލާ ހަމީދު ވިދާޅުވީ ފެބުރުވަރީ 6، 7، 8 ގައި ފުލުހުންގެ ފަރާތުން ފެނުނީ ސުލޫކީ މައްސަލަތަކެއް ނޫން ކަމަށާއި އެދުވަހު ފުލުހުން ހިންގާފައި ވަނީ މާރާމާރީ ކަމަށާއި އެ މާރާމާރީ ހިންގި ފުލުހުން ވަޒީފާ އިން ވަކިކުރުމަށް ދާހިލީ ވުޒާއަރާއަށް އެންގުމުން ވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ.

http://www.youtube.com/watch?v=l5S4DnNTFwc