ޖީއެމްއާރު ކުންފުންޏަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ދިނުމުގެ ބިޑިން ޕްރޮސެސްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ރިޕޯޓް ނެރެފައިވާ އިރު ޖީއެމްއާރުގެ ހިއްސާގެ އަގު ދަށަށް ހިނގައްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ އިކޮނޮމިކްސް ޓައިމުސް"ގައި މިއަދު ބުނެފައި ވަނީ އޭސީސީގެ ރިޕޯޓް އިއްޔެ ނެރެފައިވާ އިރު މިއަދު ފެށުނު އިރު ޖީއެމްއާރްގެ ހިއްސާގެ އަގު 20.55 ރުޕީސްގައި ހުރުމަށް ފަހު މިއަދު ހިއްސާ ބާޒާރުގެ ވިޔަފާރި ނިމުނު އިރު 19.95 ރުޕީސް އަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

ޖީއެމްއާރްގެ ހިއްސާގެ އަގު ބާޒާރުގައި މިއަދު ދަށަށް ގޮސްފައިވާ އިރު އެ ކުންފުނީގެ އަތުން މިދިޔަ އަހަރުގެ އައިއެންއައިއޭ ހިންގުން އަތުލިފަހުން ތަފާތު އެތައް ފަހަރެއްގެ މަތިން އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމާގުޅޭ ގޮތުން އޭސީސީ އިން އިއްޔެ ނެރުނު ތަހުގީގު ރިޕޯޓްގައި ބުނެފައި ވަނީ ޖީއެމްއާރު ކޮންސޯޓިއަމަށް އެއާޕޯޓް ހަވާލުކުރުމަށް ހިންގި ބިޑިން ޕްރޮސަސްގައި ކަރޮޕްޝަން ނުހިމެނޭ ކަމަށެވެ. ނަމަވެސް މުޅި ޕްރޮސެސްގައި ކޮރަޕްޝަން ނުހިމެނޭ ކަމަކަށް އޭސީސީއަކުން ނުބުނެ އެވެ.