18 Jun 2013, 16:37
ރިޓަޔާމަންޓް ޕެންޝަން ސްކީމް ފަންޑަށް ފައިސާ ދައްކަމުން ނުދާ ތިން ކުންފުންޏެއްގެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
ޕެންޝަން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު ވިދާޅުވީ ޕެންޝަން ގާނޫނުގެ ދަށުން ޕެންޝަން ފަންޑަށް ފައިސާ ދައްކަމުންނުދާތީ ބޮސްޓަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓޭޑާއި ޔޮޓް ޓުއާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއި އަދި އެމްވީކޭ މޯލްޑްވްސް ޕްރައިވެޓް ލިމިޓެޑް ގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ޔޮޓް ޓުއާސްއަކީ މަޖިލީހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޖާބިރު ހިއްސާވާ ކުންފުންޏެކެވެ. އެމްވީކޭ އަކީ މާލޭގައި ބަހުގެ ހިދުމަތްދޭ ކުންފުންޏެވެ.
އޭނާ ވިދާޅުވީ ޔޮޓް ޓުއާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއި އަދި އެމްވީކޭ މޯލްޑްވްސް ޕްރައިވެޓް ލިމިޓެޑް ގެ މައްސަލަ މި މަހުގެ ދިހަ ވަނަ ދުވަހު ކޯޓަށް ހުށަހަޅާފައިވާއިރު ބޮސްޓަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓޭޑް މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.
މުހައްމަދު ހުސެއިން ވިދާޅުވީ އެ ތިން ކުންފުނީގެ މައްސަލަ ކޯޓަށް ހުށަހެޅީ އެ ކުންފުނިތަކާއި ވާހަކަދައްކައިގެން ހައްލެއް ނުފެނުމުން ކަމަށެވެ.
"އަޅުގަނޑުމެން މި ތިން ކުންފުނި ޝަރީއަތަށް މި ގެންދަން ޖެހެނީ ތަކުރާރުކޮށް އެ ބޭފުޅުންނާއި ވާހަކަދައްކާ އޭގެ ހައްލެއް ނުފެނުނީމަ. އަޅުގަނޑުމެން ފުރަތަމަ މި މަސައްކަތް ކުރަނީ ވީހާ ވެސް އެ ފަރާތްތަކާއި ގުޅިގެން އެ ބޭފުޅުން ދައްކަންވާ ފައިސާއެއް ދެވެން އޮތް ލުޔެއް ދީގެން ޕެންޝަން އޮފީހަށް ލިބެންވާ ފައިސާ ހޯދުން،" އޭނާ ވިދާޅުވި އެވެ.
ރިޓަޔާމަންޓް ޕެންޝަން ސްކީމް ފަންޑަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާ ގާތްގަނޑަކަށް 80 ފަރާތެއް މިހާރު ވެސް ހިމެނޭ ކަމަށާއި އޭގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅުމުގައި އިސްކަން ދެނީ އެންމެ ބޮޑެތި އަދަދުން ދައްކަން ޖެހޭ ފަރާތްތަށް ކަމަށް މަނިކު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޯޓަށް ފޮނުވައިގެން މި ފައިސާ ހޯދުމުގައި އާންމު އުސޫލެއްގެ ގޮތުން އެންމެ ގިނަ ފައިސާ ދޭން ޖެހޭ ފަރާތްތަކަށް އިސްކަންދީގެން ތަރުތީބުކޮށްގެން އެގޮތަށް ކުރިއަށް މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
ޕެންޝަން އޮފީހުން މީގެ ކުރިން އައިމާ ކޮންސްޓަކްޝަންގެ މައްސަލަ ވެސް ކޯޓަށް ހުށަހަޅާފައިވެ އެވެ. އަދި ޕެންޝަނަށްވާ ފައިސާ ދެއްކުމަށް ކުންފުނީގެ މައްޗަށް ކޯޓުން ހުކުމް ކޮށްފައިވާއިރު މިހާރު އެ ކުންފުނިން ފައިސާ ދައްކަމުންދާ ކަމަށް މަނިކު ވިދާޅުވި އެވެ.
ވަޒީފާ ދޭ ފަރާތްތަކުން މުވައްޒަފުންގެ މުސާރައިން އުނިކުރުމަށްފަހު ދައްކަން ޖެހޭ ރިޓަޔާމަންޓް ސްކީމް ފަންޑަށް 1521 ވަޒީފާދޭ ތަންތަނުން ފައިސާ ދައްކަމުންދާ ކަމަށް ޕެންޝަން އޮފީހުން ބުންޏެެވެ.