18 Jun 2013, 15:41
މެލޭޝިއާގެ މަޝްހޫރު ބަޖެޓް އެއާލައިން، އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށަން ސިވިލްއޭވިއޭޝަން އޮތޯރިޓީއަށް ހުށަހަޅައިފި އެވެ.
ސިވިލްއޭވިއޭޝަންގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހުސައިން ޖަލީލު މިއަދު ވިދާޅުވީ، އަގުހެޔޮކޮށް ދަތުރުކުރުކުރެވޭ އެއާލައިނުން ކުއަލަލަމްޕޫރާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށަން އެ އެއާލައިންގެ ޓީމެއް ރާއްޖެ އައިސް މިދިޔަ ހަފުތާގައި ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އެއާލައިނުން އަންނަ ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށަން ބޭނުންވާ ކަމަށް ވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލީލު ވިދާޅުވީ، އޭޝިއާގެ އެންމެ ބޮޑު ބަޖެޓް އެއާލައިންގެ ފަރާތުން ހުށަހަޅާފައި ވަނީ ލޯންގްހޯލް ދަތުރުތައް ކުރާ "އެއާ އޭޝިއާ އެކްސް"ގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ކަމަށެވެ.
"އެ މީހުން ދަތުރުތައް ފެށުމުގެ ކުރިން ޝެޑިއުލް ފޮނުވަން ޖެހޭނެ. އަދި އެއާޕޯޓްގެ އެރޭންޖްމަންޓްތައް ވެސް ހަމަޖައްސަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އެ އެއާލައިންގެ ދަތުރުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ އޮންލައިން މެދުވެރިކޮށެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެއާ އޭޝިއާ އެކްސްގެ ދަތުރުތައް އަންނަ އޮގަސްޓް މަހު އެއްވަނަ ދުވަހު ރާއްޖެއަށް ފެށުމަށް އެއާލައިންގެ ޓީމެއް ރާއްޖެއައިސް އެ ކުންފުނީގެ އޮފިޝަލުންނާ ބައްދަލުކޮށް ޝެޑިއުލް ހަމަޖައްސާނެ ގަޑި ހޯދަން އެދިފައިވާ ކަމަށެވެ.
"އެ މީހުން މިހާރު އެދިފައި ވަނީ ހެނދުނުގެ ވަގުތެއް ހަމަޖައްސަން. އެކަމާ ގުޅޭ ގޮތުން އެ އެއާލައިނާ މިދަނީ ވާހަކަދައްކަމުން،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެއާ އޭޝިއާއިން ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ހަފުތާއަކު ހަތަރު ދުވަހު މާލެ- ކޮލަމްބޯ- ކޮލަމްބޯ ކުއަލަލަމްޕޫރާ ދެމެދު ކަމަށެވެ. އަދި އެ ދަތުރުތަކުގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ އެއާބަސް އޭ 330 މަރުކާގެ މަތިންދާ ބޯޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މީހުން ބުނެފައި ވަނީ ރާއްޖެއަށް ވަރަށް އަގު ހެޔޮކޮށް ދަތުރުކުރެވޭނެ އަގުތަކެއް ހަމަޖައްސައިދޭނެ ކަމަށް. މިކޮޅުން ހަމަޖައްސަން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާކުރަމުން،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެއާ އޭޝިއާގެ ދަތުރުތައް އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކުގެ އިތުރުން އޮސްޓްރޭލިއާ އަށް ވެސް ދަތުރުކުރެ އެވެ. އެ އެއާލައިނުން ދުރާލާ ޓިކެޓް ގަތުމުން އެހެން އެއާލައިންތަކަށް ވުރެ އަގުހެޔޮކޮށް ޓިކެޓް ގަންނަން ލިބެ އެވެ.