ދައުލަތުގެ އިމާރާތްތަކުގެ ފާރުތަކުގަ އާއި އާންމު ރައްޔިތުންގެ ގެތަކުގެ ފާރުތަކުގައި ހުއްދަނެތި ކުލަ އާއި ދަވާދު ލުމާއި އެކިއެކި ފަރާތްތަކުގެ ލޯގޯ އާއި ތަފާތު ލިޔުންތައް ލިޔެމުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ޕާޓީތަކުގެ ކުލަ ލުމުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް، ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ އޮފީސްތަކުގެ އިމާރާތްތަކާއި ދައުލަތުގެ މުއައްސަސާތަކަށް ދޫކޮށްފައިވާ ބިންތަކުގެ ފާތުތަކުގައި ކުލަލުމުގެ ސަބަބުން އެކަންކަން ރަނގަޅު ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށާއި މިފަދަ އަމަލުތައް ނުހިންގުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިދިކޮޅު އެމްޑީޕީއާއި ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ޕީޕީއެމުން ދަނީ މާލޭގައި ހުންނަ ސަރުކާރުގެ އިމާރާތްތަކުގައި އެ ޕާޓީތަކުގެ ކުލަލަމުންނެވެ. އެގޮތުން ހެންވޭރު ބޯޅަ ދަނޑުގެ ވަށާފާރުގައާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ ކުރިމަތިން އޮންނަ ހުސްބިމު ވަށައިގެން ހަދާފައިވާ ފާރުތަކުގައި އެމްޑީޕީއާއި ޕީޕީއެމުން ވަނީ ކުލަލާފަ އެވެ. އަދި ސްޕްރީމް ކޯޓުގެ އިމާރާތްއަޅަން ހަވާލުކޮށްފައިވާ ކުރީގެ ނާދީ ހުރި ބިމުގައި ވެސް ޕީޕީއެމުން ވަނީ ފިޔާތޮށި ކުލަލާފަ އެވެ. ނަމަވެސް ފަހުން އެ ކުލަތައް ވަނީ ފޮހެލާފަ އެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ (9) ވަނަ މާއްދާގައި ބުނަނީ ގެއެއް ނުވަތަ އިމާރާތެއްގެ މަގުމަތީފާރުގައި ނުވަތަ މަގުމަށްޗަށް ފެންނަން ހުންނަ އެހެންތަނެއްގައި ކުލަ، ދަވާދު، އެއިރޮސޯލް ޕެއިންޓް ނުވަތަ އެނޫން ވެސް އެއްޗެއް ބޭނުންކޮށްގެން ލިޔެފިނަމަ ނުވަތަ ކުރަހައިފިނަމަ އެކަން ކުރި މީހާ ނުވަތަ މީހުންނާމެދު ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެ ކަމަށެވެ.