ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްގީކޮށް އެ ދާއިރާ އިން އިން މީހުން ބިނާ ކުރުމަށް ޓަކައި ވޯލްޑް ބޭންކުން 10 މިލިޔަން ޑޮލަރު (154.2 މިލިއަން ރުފިޔާ)ގެ އެހީއެއް ދީފި އެވެ.

ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން އެޑިއުކޭޝަނާއި ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ މަޝްރޫޢު އިފްތިތާހުކޮށް ދެއްވުމަށް ފަހު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު މިއަދު ވިދާޅުވީ އެ މަޝްރޫއު އަށް ވޯލްޑް ބޭންކުން ދިން 10 މިލިޔަން ޑޮލަރަކީ އެ ބޭންކްގެ ހިލޭއެއެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ހިންގުމަށް ޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބަޖެޓުން އެއް މިލިޔަން ޑޮލަރު ލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު މި އިފްތިތާހު ކުރެވުނު މަޝްރޫއަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ އަށް ވަރަށް ބޭނުންތެރި މަޝްރޫއެއް. އަޅުގަނޑުމެން މިއަދު މި ލޯންޗް ކުރި މަޝްރޫއު ތައްޔާރު ކުރެވި އެކުލަވައިލެވިފައި މިވަނީ ހަ މަސް ދުވަހުގެ ތެރޭ. 2008 ވަނަ އަހަރުގެ ފަހުން ވޯލްޑް ބޭންކުން ރާއްޖޭގެ ތައުލީމީ ދާއިރާ އަށް މި ދެއްވާ އެހީއަކީ 10 މިލިޔަން ޑޮލަރުގެ ހިލޭ އެހީ އެއް. މި ޕްރޮޖެކްޓް ކުރިއަށް ދާނީ ވޯލްޑް ބޭންކުގެ 10 މިލިޔަން ޑޮލަރުގެ އެހީ އާއި އަދި ދިވެހި ސަރުކާރުން އެއް މިލިޔަން ޑޮލަރުގެ ލައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެޑިއުކޭޝަނާއި ވޯލްޑް ބޭންކާ ގުޅިގެން ހިންގާ އެ ޕްރޮޖެކްޓުގެ ދަށުން ޢާންމު ތައުލީމުގެ ފެންވަރު ކުރިއަރުވައި އާންމު ތައުލީމުގެ ފެންވަރު މަތިކޮށް ޓީޗަރުން ތަމްރީންކޮށް ތައުލީމީ ދާއިރާ އަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ ޕްރޮގުރާމްތަކެއް ހިންގަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ މަތީ ތަޢުލީމްގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ޓަކައި ހާއްސަ ޕްރޮގުރާމްތަކެއް ހިންގަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެ ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ މަތީ ތައުލީމަށް އަމާޒުކޮށްގެން ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވައި ލައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އާސިމު ވިދާޅުވީ މިހާތަނަށް ރާއްޖޭގެ މަތީ ތައުލީމް ކުރިއަށް ގެންދެވިފައި ވަނީ މާ ބޮޑު ޕްލޭނެއްގެ ދަށުން ނޫން ކަމަށާއި އެހެން ކަމުން ވޯލްޑް ބޭންކުގެ އެހީގައި އެކުލަވާލާ، އެ ޕްލޭނަކީ ރާއްޖޭގެ މަތީ ތައުލީމާ ބެހޭ ގޮތުން އެކުލަވައިލާ ފުރުތަމަ ޕްލޭން ކަމަށެވެ.

ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ސްކޫލްތައް މަރާމާތު ކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓް ތެރެއިން ރާއްޖޭގެ 13 ސްކޫލެއް މަރާމާތު ކުރެވޭނެ ކަމަށެވެ. އެގޮތުން ސްކޫލްތަކުގެ ކްލާސްތައް އިތުރުކޮށް އެހެނިހެން ބޮޑެތި މަސައްކަތްތައް ވެސް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮޖެކްޓް ދަށުން ސްކޫލްތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ވެސް ކުރެވޭނެ. އެގޮތުން 13 ސްކޫލެއްގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރެވޭނެ. އަދި އެ ސްކޫލްތަކުގައި އެހެނިހެން ފަރުނީޗަރުތައް ވެސް ގާއިމު ކުރެވޭނެ. ހަމައެއާ އެކު 34 ސްކޫލެއްގައި ކޮމްޕިއުޓާ ލެބް ގާއިމް ކުރެވޭނެ. އަދި 29 ސްކޫލެއްގައި ސައިންސް ލެބް ގާއިމުކޮށް ސައިންސް ލެބްތައް ތަރައްގީކޮށް އިތުރު އިކުވިޕްމެންޓް ގާއިމް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވޯލްޑް ބޭންކުގެ ހިޔުމަން ޑިވޮލޮޕްމެންޓު ޔުނިޓްގެ ލީޑް އެޑިއުކޭޝަން ސްޕެޝަލިސްޓް ޑރ. ހަރުޝާ އަތުޕާނޯ ވިދާޅުވީ މީހުން ތަމްރީން ކުރުމަކީ ވޯލްޑް ބޭންކުން ވަރަށް ހާއްސަ އިސް ކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށައި އޭގެ ތެރެއިން ވެސް ތައުމީ ދާއިރާއަކީ ވޯލްޑް ބޭންކުން ވަރަށް ހާއްސަ އަހައްމިޔަތެއްދޭ ދާއިރާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ އެ ޕްރޮޖެކްޓް ހިނގާ ނުހިނގާ ގޮތް އެ ބޭންކުން ވަރަށް ގާތުން ބަލަމުން ދާނެ ކަމަށެވެ. އެގޮތުން ހަ މަހުން ހަ މަހުން ޕްރޮޖެކްޓުގެ ޕްރޮގްރެސް ބަލަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރުމެން މި ޕްރޮޖެކްޓް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލަމުން ގެންދާނަން. އެގޮތުން މަޝްރޫއުގެ ފުރަތަމަ ހަ މަސް ފަހުން އަހަރަމެން ރާއްޖެ އައިސް މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހާސިލުކުރެވޭ މިންވަރު ބަލާނަން. ދެން ހަމަ އެހެންމެ އަނެއް ހަ މަސް ފަހުން އަޅުގަނޑުމެން ބަލާނަން ޕްރޮޖެކްޓްގައި ފައިސާ ހަރުދަ ކުރާ ގޮތް." ޑރ ހަރުޝާ ވިދާޅުވި އެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް އަމާޒްކޮށްގެން ހިންގާ އެ ޕްރޮޖެކްޓުގެ ދަށުން 74،000 ސްކޫލް ކުދިންނަށް ތައުލީ ފެންވަރު ކުރިއެރުވުމަށް ޓަކައި ހާއްސަ ސަމާލު ކަމެއް ދެވޭނެ އެވެ. ހަމައެހެންމެ ތައުލީމީ ދާއިރާ އިން 5000 ޓީޗަރުން ތަމްރީންކޮށް އަދި އެޑިއުކޭޝަން ދާއިރާގައި މަސައްކަތް ކުރުމަށް ޓަކައި ފަންނީ ތަޖުރިބާ ލިބިފައިވާ 800 މީހުން ތަމްރީން ކުރެވޭނެ އެވެ.