18 Jun 2013, 14:09
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ބޯޑް މެންބަރުކަމުން އިގްބާލު އާދަމް އިސްތިއުފާ ދެއްވައިފި އެވެ.
އެމްބީސީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ނުވަ މެންބަރުން ތަމްސީލުކުރާ، ޕަބްލިކް ސާވީސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ބޯޑުން އިގްބާލު މިއަދުން ފެށިގެން އިސްތިއުފާ ދެއްވާފައި ވަނީ "ގައުމަށް ހިދުމަތްކޮށްދެވިދާނެ އެހެންދާއިރާއެއް" އޮތް ކަމަށް ގަބޫލު ކުރައްވައި މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ކަމަށެވެ.
އިގްބާލު މިއަދު ސަން އަށް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވައި ރައްޔިތުންގެ މަޖިލީހަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެމްބީސީ ބޯޑުގައި ހުންނަވައިގެން ވެސް މަސައްކަތްކޮށްދެއްވީ ގައުމަށް ކަމަށާއި ނަމަވެސް އެ މަގާމުން އިސްތިއުފާ ދެއްވީ ގައުމަށް އެ އެއަށް ވުރެ ބޮޑަށް ހިދުމަތްކޮށް ދެއްވިދާނެ އެހެން ދާއިރާއެއް އޮތް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމު މިއަދު ވަނީ އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ފުންވަޅުގަނޑަކަށް ވެއްޓިފައި ކަމަށާއި އެހެންކަމާ އެކު އެކަމަށް އަލިމަގެއް ހޯއްދެވޭނެ ކަމަށް ފެންނަނީ ސިޔާސީ ދާއިރާ އިން މަސައްކަތް ކުރައްވައިގެން ކަމަށެވެ. އަދި ދެން ކުރިއަށް ވަޑައިގަންނަވާނީ ވެސް އެ ދާއިރާ އިން ކަމަށް އޭނާ ވިދާޅުވި އެވެ.
އިގްބާލަކީ ރައްޔިތުންގެ މަޖިލީހުގެ 71 މެންބަރުންގެ އަޣުލަބިއްޔަތުން އެ މަގާމަށް ހޮވިވަޑައިގަތްފައިވާ ބޭފުޅެކެވެ.
އެމްބީސީއަކީ ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ ގޮތަށް އުފައްދާފައިވާ މުއައްސަސާއެކެވެ. އެމްބީސީ ގާނޫނު ބުނާ ގޮތުން އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑް މެންބަރަކު ސިޔާސީ ޕާޓީގެ މުވައްޒަފަކު ނޫނީ ސިޔާސީ ޕާޓީއެއްގެ މަގާމެއް އަދާކުރާ މީހަކަށް ވެގެންނުވާނެ އެވެ.