ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގައި ބައިވެރިވުމަށް މި މަހުގެ ކުރީ ކޮޅު އެމެރިކާ އަށް ދިޔަ ދިވެހި 22 ފުލުހުން ތަމްރީން ފުރިހަމަ ކުރުމަށް ފަހު ރާއްޖެ އަތުވެއްޖެ އެވެ.

ފުލުހުން ބުނީ ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކު އެމެރިކާގެ މަޝްހޫރު ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގައި އެމެރިކާގެ އެފްބީއައިގައި ތަމްރީނު ހޯދި މިއީ ފުރަތަމަ ފަހަރެވެ.

ފުލުހުން ބުނީ ފުލުހުންގެ ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ސީނިއާ ނަން ކޮމިޝަން އޮފިސަރުންގެ 21 ފުލުހަކާއި ކޮމިޝަންޑް އޮފިސަރަކު ބައިވެރިވި މި ތަމްރީން ދަތުރުގެ ސަބަބުން ފުލުހުންގެ ތަޙުގީގު ކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބި ތަހުގީގުތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.

މި ދަތުރުގެ ބައިވެރިން ވަނީ އެމެރިކާގައި ގޭންގް ކުށްތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގޭންގްތަކާއި ގުޅޭ މައްސަލަތައް ކޭސްކޮށް، އެފަދަ މައްސަލަތަކުގެ ތަހުގީގުތައް ކާމިޔާބު ކުރުމުގައި އެފްބީއައި ގައި އަމަލު ކުރަމުންދާ ޕްރޮސީޖީތަކާއި އާއްމު އުސޫލުތަކާއި ބެހޭ މައުލޫމާތުތައް ވެސް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމެރިކާގައި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން ފުލުހުން ޕެޓްރޯލް ކުރަމުންދާ ގޮތާއި ބެހޭ މައުލޫމާތުތަކާއި އެމެރިކާއި ޕެޓްރޯލް ކުރަމުންދާ އުސޫލުތަކާއި ބޭނުން ކުރާ ވަސީލަތްތަކާއި ބެހޭގޮތުން އެ އެ ތަމްރީންގައި ވަނީ މައުލޫމާތު ހޯދާފަ އެވެ.

މީގެ އިތުރުން އެމެރިކާގެ އެފްބީއައިގައި ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތުތައް ދިނުމުގައި އަމަލުކުރަމުންދާ އުސޫލްތަކާއި މީޑިއާ ހޭންޑްލް ކުރަމުންދާ ގޮތްތަކާއި ބެހޭގޮތުން ވެސް މައުލޫމާތައް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެފް.ބީ.އައި އިން ކުރިއަށް ގެންދާ ތަޙްގީގުތައް ކަމާ ގުޅޭ އެހެނިހެން ޑިޕާޓްމަންޓްތަކުން ގުޅިގެން އެފަދަ މައްސަލަތައް ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގެންގުޅެމުންދާ އުސޫލްތަކާއި ބެހޭ މައުލޫމާތުތަކުގެ އިތުރުން އެމެރިކާގެ ވޮޝިންޓަން އާއި ލޮސްއެންޖަލިސް އާއި ވާޖިނިއާ ޕޮލިސް ޑިވިޒަތަކުގައި ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި މަސައްކަތްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ ތަހުހީގު ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފުލުހުން ބައިވެރިވި މި ތަމްރީން ދަތުރަކީ ފުލުހުންގެ އިދާރާގައި ތަހުގީގުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެފަރާތްތަށް މަސައްކަތްކުރަމުން ގެންދާ ދާއިރާގެ ތަމްރީނާއި ތަޖުރިބާ އިތުރަށް ހޯދުމަށް ފުލުހުން ކުރަމުންގެންދާ ތަހުގީގުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް އިސްނަންގަވައިގެން އެފް.ބީ.އައި ގުޅިގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.