18 Jun 2013, 13:19
ގދ. ތިނަދޫގައި ސްކޫލް ދޮށަށް ކުއްޖަކު ބަލައި ދިޔަ އަންހެނެއްގެ ގައިގައި ޕިކަޕަކުން ޖެހި މިދިޔަ ޖެނުއަރީ މަހު ހިނގި އެކްސިޑެންޓުްގައި އަންހެން މީހާ މަރުވެފައި ވާތީ ޕިކަޕް ދުއްވަން އިން ބިދޭސީ މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައި ވަނީ ޕިކަޕު ދުއްވަން އިން ބަނގުލަދޭޝްގެ ޒަފަރު އަލީ،43،ގެ މައްޗަށް ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅައިފައި ވަނީ ގދ. ތިނަދޫ، ވޭވްބްރޭކް، އަނީޤާ އަޒީޒު 33، ޖެނުއަރީ 21 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މަގުމަތިން ހިނގާފައި ދަނިކޮށް، ޒަފަރު އަލީ ދުއްވަން އިން ޕިކަޕުން ޖެހި ހިނގި އެކްސިޑެންޓުގައި އޭނާ މަރުވެފައިވާ މައްސަލަ އެވެ.
އަނީގާގެ ގައިގައި ޕިކަޕަކުން ޖެހި އެ އެކްސިޑެންޓް ހިނގީ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅު ބަލާ ސްކޫލް ދޮށަށް ދަނިކޮށް އަތިރިމަގުން ދުއްވާފައި އައި އޭނާ މަސައްކަތް ކުރާ ފިހާރައިގެ ޕިކަޕުން ޖެހިގެންނެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވާފައި ވަނީ އެފްރީލް މަހުގެ އެއް ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.