ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) މިދިޔަ އަހަރު މާލިއްޔަތު ގަވައިދާ ހިލާފަށް ކޮއްތު ފައިސާގެ ގޮތުގައި 9000ރ. އަދި ހުރުމުގެ ހަރަދުގެ ގޮތުގައި 33،013ރ. ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް މިއަދު ނެރެއްވާފައިވާ މިދިޔަ އަހަރުގެ ޖޭއެސްސީގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ޖޭއެސްސީން ހއ. އަދި ހދ. އަތޮޅަށް މެޖިސްޓޭޓުން ތަމްރީނުކުރުމަށް ކުރި ދަތުރެއްގައި އެދަތުރުގެ ބައިވެރިންނަށް ކޮއްތު ފައިސާގެ ގޮތުގައި މީހަކަށް 180ރ. ދީފައިވާ ކަމަށެވެ. މާލިއްޔަތު ގަވައިދު ބުނާގޮތުން މީހަކަށް ދެވޭނީ 120ރ. އެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ މިދިޔަ އަހަރު އައްޑޫގެ އިސް މެޖިސްޓުރޭޓާއި އެދާއިރާގެ އެހެން މެޖިސްޓުރޭޓުންނާއި ދެމެދު ތަފާތު މައްސަލަތަކެއް އުފެދިފައިވުމުން އެމައްސަލަ ހައްލުކުރަން އައްޑޫއަށް ދިޔަ ޖޭއެސްސީގެ ހަތަރު މެމްބަރުނަށާއި އެކޮމިޝަނުގެ ދެ މުއައްޒިފަކު ތިން ދުވަހު އައްޑޫގައި ހުރުމަށް ޓޫރިސްޓް ހޮޓަލަކަށް 33،013ރ. ފިނޭންސް މިނިސްޓުރީގެ ހުއްދަ ނެތި ހަރަދުކޮށްފައިވާ ކަމަށެވެ. މާލިއްޔަތު ގަވައިދު ބުނާ ގޮތުން އެފަދަ ތަނެއްގައި ހުންނަން ބޭނުންނަމަ ފިނޭންސް މިނިސްޓުރީގެ ހުއްދަ ހޯދަން ޖެހެ އެވެ.

އެ ދެ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާ އަރުވާފައި ވަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށާއި އެފައިސާ ދިނުމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށެވެ.

އެ އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ 2012 ވަނަ އަހަރު ޖޭއެސްސީން މައިގަނޑު ގޮތަކަށް ހަރަދުތައް ކޮށްފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް ބަޖެޓުގެ މަގުސަދު ހާސިލްވާ ގޮތަށް ކަމަށެވެ.