ގދ. ތިނަދޫގައި ހުރި ސަރުކާރުގެ ތިން މުއައްސަސާގައި މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ހެކިބަސް ދީފައިވާ މީހުންގެ މައުލޫމާތު ހާމަކޮށްފި ނަމަ ބޮޑެތި ޖަރީމާތަކެއް ހިނގައިފާނެ ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ ތިނަދޫ ޕޮލިސްޓޭޝަނަށް ގެއްލުންދީ ޓެރަރިޒަމްގެ އަމަލުތައް ހިންގިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ހަތަރު ކުދީންނަށް ހެކީންގެ ބަޔާންތައް ނުދިނުމަށް ޖުވެނައިލް ކޯޓުން ނިންމި ނިންމުން އޭގެތެރެއިން އެއްކުއްޖަކު އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އާމިނަތު ރާޔާ އަލީ ވިދާޅުވީ ހުރިހާ ހެކީންގެ ބަޔާންތައް ސިއްރުކުރުމަށް ދައުލަތުން ޖުވެނައިލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އެގޮތަށް އެދިފައި ވަނީ ހެކީންނަކީ ކޮން ބައެއްކަން ހާމަވެއްޖެ ނަމަ އެމީހުންނަށް އެކިގޮތްގޮތުން ދަތި އުނދަގޫތައް ކުރިމަތިވެ ބޮޑެތި މާރާމާރީ އާއި ޖަރީމާތައް ހިނގާފާނެތީ ކަމަށް ވެސް ރާޔާ ވިދާޅުވި އެވެ.

"ޖުވެނައިލް ކޯޓުގައި ދައުވާ ކޮށްފައިވާ ހަތަރު ކުދީންނާއި ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައިވާ 89 މީހުންގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށްފައި ވަނީ ހެކީން ތަހުގީގަށް ދީފައިވާ ބަޔާންތަކަށް ރިއާޔަތްކޮށް. ހެކީންނަކީ ކޮންބައެއްކަން އެނގިއްޖެނަމަ އެމީހުންނަށް އެކިގޮތްގޮތުން ދަތި އުނދަގުލާއި ކުރިމަތިވެދާނެ. އަދި އެކަމުގެ ސަބަބުން ބޮޑެތި މާރާމާރީއާ ޖަރީމާތައް ހިނގާފާނެތީ ހުރިހާ ހެކީން ސިއްރުކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައި،" ރަޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަސްދުގައި މީހުން މެރުމާ ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތަކުގައި މީގެކުރިން ވެސް ހެކީންގެ ބަޔާންތައް ދޫނުކޮށް ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.

މައްސަލަ ހުށަހެޅި ކުއްޖާގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ހެކީންނަކީ ކޮބައިކަން އެނގެން ބޭނުންވާ ކަމަށާއި ސަބަބަކީ ހެކިބަސް ދީފައިވާ މީހުންގެ ތެރޭގައި އެކުއްޖާގެ އަދާވާތްތެރިއަކު ހުއްޓަސް އެކަން އެނގޭނެ ގޮތެއް ނޯންނާނެތީ ކަމަށެވެ.

"ހެކިދޭ މީހުން ވެސް އެނގެން ބޭނުންވޭ. ހެކިބަސް ނަގާއިރު އަޑުވެސް ހުންނަނީ ބަދަލުކޮށްފައި. އެހެންވުމާ އެކު ނޭނގޭ އެއީ ކާކުކަމެއް. އެއީ ދައުވާ ލިބޭ ކުއްޖާގެ އަދާވާތްތެރިއަކަށް ވެސް ވެދާނެ،" ހަސީން ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ރާޔާ ވިދާޅުވީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހެކީން ސިއްރުކުރުމަކީ މިނިވަން ދިމިގުރާތީ ގައުމެއްކަމަށްވާ އިނގިރޭސިވިލާތުގައި ވެސް އަމަލުކުރަމުންދާ އުސޫލެއް ކަމަށެވެ.

ހަސީން ވިދާޅުވީ އެ ބަޔާންތައް ދޫނުކުރެވޭނެ ކަމަށް ޖުވެނައިލް ކޯޓުން ކަނޑައަޅާފައި ވަނީ ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ގަވާއިދުގެ ދަށުން ކަމަށާއި ނަމަވެސް އެ ބަޔާންތައް ހޯދަން އެ ކޯޓުގައި އެދިފައި ވަނީ އެ ގަވާއިދުގެ ދަށުން ނޫންކަމަށެވެ.

އޭނާ ވިދާޅުވީ އެ ގަވާއިދުގައި ބުނެފައިވާ ރަސްމީ އިދާރާތަކުގެ ތެރޭގައި ކޯޓުތައް ނުހިމެނޭ ކަމަށާއި އެ ގަވާއިދުގައި ބުނާ ރަސްމީ އިދާރާތަކަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ސަރުކާރު ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ އިދާރާތައް ކަމަށެވެ.

ހެކީންގެ ބަޔާންތައް ދޫނުކުރުމުގެ ސަބަބުން ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާ އަދުލުވެރިކަމާ އެކު ޝަރީއަތް ކުރުމުގެ ހައްގުންނާއި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ލިބިދޭ ހައްގުތަކުން އެކުއްޖާ މަހުރޫމްވެފައިވާ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެކީންގެ ބަޔާންތައް ނުދީ ހިފެހެއްޓުމުގެ ސަބަބުން ކުށުން ބަރީޣަވެ ދިފާއުވުމުގެ ހައްގު އެ ކުއްޖާ އަށް ގެއްލިފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުﷲ ހަމީދު ވިދާޅުވީ އިތުރުކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.