މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން އިއްޔެ ހިފެހެއްޓި މެގަ މޯލްޑިވްސްގެ ބޯޓު ފުރުވާލީ ފައިސާ ދައްކާނެ ގޮތަކާމެދު މަޝްވަރާކުރުމަށްފަހު އެއްބަސްވެގެން ކަމަށް އެއާޕޯޓް ކޮމްޕެނީން ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު ޑރ. އިބްރާހިމް މަހުފޫޒް މިއަދު ވިދާޅުވީ، އެ ބޯޓު ހިފެހެއްޓުމުން ފައިސާ ދައްކާނެ ގޮތަކާމެދު އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެއާއެއްގޮތަށް މެގައިން ފައިސާ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެގައިން އެމްއޭސީއެލްއަށް ދައްކަން ޖެހެނީ ކިހާ އަދަދެއް ފައިސާ ކަމެއް ހާމަކޮށްފަ އެއްނުވެ އެވެ. ނަމަވެސް ސަންއަށް އެނގިފައިވާ ގޮތުގައި މެގައިން އެމްއޭސީއެލަށް މިލިއަނެއްހާ ޑޮލަރު ދައްކަންޖެހެ އެވެ. އަދި އިއްޔެ ހަވީރު ފުރަން އޮތް ބޯޓު ހިފެހެއްޓުމުން 235،000 ޑޮލަރު މިއަދު ދައްކަން އެއްބަސްވެފައިވެ އެވެ. އޭގެ އިތުރުން މިމަހުގެ 19 އަދި 20 ވަނަ ދުވަހު 389،000 ޑޮލަރު ދައްކަން އެއްބަސްވެފައިވާ ކަމަށް އެނގިފައިވެ އެވެ.

އެމްއޭސީއެލްގެ އޮފިޝަލު ވިދާޅުވީ އެ ބޯޓު ހިފެހެއްޓީ މެގައިން ދައްކަން ޖެހޭ ފައިސާ ނުދައްކައި ގިނަ ދުވަސްވެފައި ވާތީ ކަމަށެވެ. އަދި މިއަދު އެ އެއާލައިންގެ ބޯޓަށް ހިދުމަތް ދޭނީ ވަގުތުން ފައިސާ ދެއްކުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާއަށް އިއްޔެ ހަވީރު 5:10ގައި ފުރަން އޮތް ބޯޓު ހިފެހެއްޓުމަށްފަހު ދޫކޮށްލުމުން އެ ބޯޓު އެއާޕޯޓުން ނައްޓާލީ ރޭ 7:20 ގަ އެވެ.

މެގަ މޯލްޑިވްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފްލައިޓް ފުރައިގެން ދިޔައީ "ގަވައިދާ އެއްގޮތަށް" ކަމަށެވެ. އަދި އެ މައްސަލައިގެ އިތުރު ތަފުސީލް މިއަދު ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.