ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރެއްވި އައިޝަތު ވެލެޒިނީ އާއި ހުސައިން އިބްރާހިމް އަށް މުސާރަ އާއި އެލަވަންސްދީފައި ވަނީ ކޮމިޝަނުގެ ގާނޫނާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް މިއަދު އާއްމުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

އެ ދެ ބޭފުޅުންގެ ނަން ނުޖަހައި އޮޑިޓާ ޖެނެރަލް ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އެ ދެ މެމްބަރުން ސިޔާސީ ޕާޓީއެއްގެ މެމްބަރުކަމުގައި ތިބެ ޖޭއެސްސީގެ މެމްބަރެއްގެ ހައިސިއްޔަތުން ނަގާފައިވާ މުސާރަ އާއި އެލަވަންސްތަކަކީ ގާނޫނާ ހިލާފަށް ދީފައިވާ މުސާރަ އާއި އެލަވަންސްތަކެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ޖޭއެސްސީގެ ގާނޫނުގެ ތިން ވަނަ މާއްދާގައި އެ ކޮމިޝަނުގައި ތިއްބަވާނެ މެމްބަރުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ކޮމިޝަނުގެ މެމްބަރުގެ ކިބައިގައި ހުރުން ލާޒިމް ސިފަތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ނެރުނު ރިޕޯޓުގައި ޖޭއެސްސީގެ ގާނޫނުގައި ކަނޑައަޅާފައިވާ ސިފަތަކުގެ ތެރޭގައި ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ އަދި އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރާ ބޭފުޅަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ ބޭފުޅެއް ކަމުގައި ނުވުން ކަނޑައެޅި ނަމަވެސް ކޮމިޝަނުގެ މެމްބަރުގެ ތެރޭގައި އެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބަޔާންކުރާ ސިފަތައް ފުރިހަމަނުވާ މެމްބަރުން ހިމެނޭ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އޭޕްރިލް 2009،23ން ފެށިގެން މެއި 2011،21ގެ ނިޔަލަށް ރައީސް އެ ކޮމިޝަނަށް ކަނޑައެޅި މެމްބަރު ވަނީ މާޗް 2010،23ގައި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެ، މެމްބަރަކަށްވެފައި ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވާ މެމްބަރަކީ އައިޝަތު ވެލެޒިނީ އެވެ. އޭނާގެ ބަދަލުގައި ސެޕްޓެމްބަރު 7، 2011ން ފެށިގެން ފެބްރުއަރީ 2012ގެ ނިޔަލަށް ހުންނެވި މެމްބަރަކީ ވެސް 26 ޖޫން 2005ން ފެށިގެން މާޗް، 27 2012ގެ ނިޔަލަށް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމަށެވެ. އެ މެމްބަރަކީ ފަހުން ޅ. ކުރެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަންކުރެއްވި އެ ރަށު، ބޮޑުގަސްދޮޑުގެ ހުސެއިން އިބްރާހީމެވެ.

އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ވަނީ ޝަރުތު ފުރިހަމަނުވާ މެމްބަރުންނަށް ދީފައިވާ މުސާރަ އާއި އެލަވަންސްތައް ހޯދުމަށް އަންގައިފަ އެވެ.