ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ޖޭއެސްސީ އިން ވަކިކޮށްފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ސަން އަށް ކަށަވަރުކޮށްދެއްވި ގޮތުގައި އޭނާ ޖޭއެސްސީގެ މެމްބަރު ކަމުގެ މަގާމުން ވަކިކޮށްފައި ވަނީ ފުލުހުން ބަލަމުންދާ އޭނާގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ސަލީމް އެ މާގާމުން ވަކިކޮށްފައިވާކަން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުން ބަލަމުން ގެންދާ އެ މައްސަލައިގެ ތަހުގީގު އަދި މިހާތަނަށް ނިމިފައިނުވާތީ އެ މައްސަލަ ޕީޖީއަށް ފޮނުވާފައިނުވާ ކަމަށެވެ.

ރޭނިސް ސަލީމް އެ މަގާމުން ވަކިކުރެއްވި އިރު އޭނާ ހައްޔަރުކުރުމުގެ ކޯޓު އަމުރެއް ހޯދުމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ވަނީ ކުރިން އެދިފަ އެވެ. ނަމަވެސް އެ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ކުރި އަމުރާ ގުޅިގެން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ވަނީ ކްރިމިނަލްގެ ކޯޓުގެ އަމުރަށް ތާއިދުކޮށްފަ އެވެ.

ރޭނީ ސަލީމްގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ އޭނާ އަށް މީހަކު ދޭންޖެހޭ ފައިސާތަކެއް ހޯދުމަށް މާލޭގައި ހަރަކާތްތެރިވާ ގޭންގް ގްރޫޕެއް މެދުވެރިކޮށް މަަސައްކަތް ކުރި ކަމުގެ ތުހުމަތެވެ. ނަމަވެސް ސަލީމް ވިދާޅުވެފައި ވަނީ އެފަދަ އެއްވެސް ގްރޫޕަކާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ރޭނިސް ސަލީމަކީ ސިޔާސީ ބައެއް ބޭފުޅުންގެ އިތުރަށް އެ ނޫން މީހުންގެ މައްސަލަތަކުގައި ވެސް ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.