18 Jun 2013, 12:14
މ. މުލީގައި ރޭ އިރާކޮޅު ބިދޭސީއެއް ގައިގާ ތަޅައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ހޯދަމުންދިޔަ ދެ މީހަކު އެ ރަށު ގެއެއްގެ ތެރޭ ފިލާ ތިއްބާ ހައްޔަރުކޮށްފި އެވެ.
ބަންގްލަދޭޝް މީހާއަށް ހަމަލާދިން މައްސަލާގައި ރޭ އިރާކޮޅު ވަނީ 18 އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކު ވެސް ހައްޔަރުކޮށްފަ އެވެ. އެ ކުއްޖާއާ އެކު އެ މައްސަލާގައި ހޯދަމުންދިޔަ 23 އަހަރުގެ ޒުވާނަކާއި 24 އަހަރުގެ ޒުވާނަކު އަތުލައިގަތީ ރޭ ފަތިހު 4:50 އެހާކަންހާއިރު އެ ރަށު ގެއެއްގެ ތެރޭ ފިލާ ތިއްބާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބިދޭސީއެއްގެ ގައިގާ ތަޅައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މ. މުލި ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީގައި އަނިޔާލިބުނު ބިދޭސީ މީހާ އަށް މުލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ ބިދޭސީ މީހާގެ ބޮލުގެ ދެތަނަކުން ފަޅައިގެންގޮސް ޒަހަމްވެފައިވާ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.
"އޭނާ ހޮސްޕިޓަލަށް ގެނައި އިރު ސީރިއަސް. ބަލާބެލުމަށް ހީވަނީ ތޫނުއެއްޗަކުންހެން ބޮލަށް ހަމަލާދީފައިވަނީ. ބޮލުގެ ދެތަނަކުން އެބަހުރި ފަޅައިގެން ގޮސްފައި. އަދި އެހެންދިމާލަކު ވެސް އެބަހުރި މަށައިގެންގޮސްފައި ވެސް،" މ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.