18 Jun 2013, 11:54
މިދިޔަ އަހަރުގެ މުދަލު ޒަކާތުން ފަގީރުންނާއި މިސްކީނުނަށް ބަހަން ކަނޑައެޅުނު 23 މިލިއަން ރުފިޔާ، ފަގީރެއްގެ ބޮލަކަށް 450ރ.ގެ މަގުން މާދަމާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސެއިން އަބުދުލްވާހިދު މިއަދު "ސަން" އަށް ވިދާޅުވީ މާދަމަ އިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން 15:00 އަށް، އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމުން ކަމަށެވެ.
ފަގީރުންގެ ގޮތުގައި ނަން ނޯޓް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ ފަރާތްތަކުން ޒަކާތް ބަލައި އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމަށް އެ ފަރާތެއްގެ އައިޑީކާޑް އާއި އެ މިނިސްޓްރީ އިން ދީފައިވާ ކާޑު ހިފައިގެން ދިއުމުން ޒަކާތް ދޫކުރާނެ ކަމަށް ވާހިދު ވިދާޅުވި އެވެ. ނަންނޯޓް ކޮށްފައިވާ ފަރާތެއްގެ އައިޑީކާޑް ހިފައިގެން ޒަކާތްނަގަންދާ އެހެން މީހުނަނަށް ވެސް ޒަކާތް ދޫކުރާނެ ކަމަށެވެ.
މި އަހަރުގެ މުދަލު ޒަކާތައް އެދި 61840 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެއީ މާލެއިން 11149 މީހުންނާއި އަތޮޅުތެރެއިން 50691 މީހުންނެވެ.
މިއަހަރުގެ ޒަކާތުގެ ގޮތުގައި 450ރ. ބަހަން ނިންމާފައިވާ އިރު މިދިޔަ އަހަރު ވަނީ އެ ޒަކާތުގެ ގޮތުގައި 660ރ. ބަހާފަ އެވެ. ނަމަވެސް މިދިޔަ އަހަރު ބަހާފައި ވަނީ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރުގެ ފައިސާ އެއްކޮށްގެނެވެ.