18 Jun 2013, 11:38
ރ. އަލިފުށީ ޕްރީސް ސްކޫލްގެ ހަތަރު ޓީޗަރަކު ބަލިވެގެން ސްކޫލަށް ނުނިކުމެގެން މިއަދު ސްކޫލް ބަންދުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އަލިފުށީ ޕްރީސް ސްކޫލްގެ ކިޔެވުން ބަންދުކޮށްފައި ވަނީ މިއަދު ހެނދުނު ސެޝަންގެ ކުދިން ގޮވައިގެން ބެލެނިވެރިން ސްކޫލަށް ދިޔަ ފަހުންނެވެ. އަދި އެކަމާ ބައެއް ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަލިފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް އަބްދުއްރަހުމާން މިއަދު ވިދާޅުވީ އަލިފުށޫ ޕްރީސްކޫލް މިއަދު ބަންދުކުރީ ރަށުގައި މިދުވަސްކޮޅު ފެތުރެމުންދާ ރޯގާއެއް ޖެހިގެން ސްކޫލްގެ ހަތް ޓީޗަރުންގެ ތެރެއިން ހަތަރު ޓީޗަރުން ބަލިވެގެން ކަމަށެވެ. އަދި ބަލިވެގެން ނާންނަކަން ޓީޗަރުން ކުރިއާލާ އަންގާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ދެ އާންޓީ މިއަދު ނުކުތީ އެހެންވެ ސްކޫލްގެ ކިޔެވުން ބަންދުކުރަން ޖެހުނީ، އާންޓީސް ނުނިކުމެގެން ސެޝަން ފެށެން ވެގެން އުޅޭތީ އަހާލީމާ ބުނީ ބަލިވެއޭ. އެހެންވެ ކުރިން ސްކޫލް ބަންދުކަން އެނައުންސްކޮށް ނުލެވުނީ، މިހާރު ވާނީ މެންުދުރު ފަހުގެ ސެޝަން ވެސް ބަންދުކޮށްފައި،" އަބްދުއްރަހުމާން ވިދާޅުވި އެވެ.
އަލިފުށީ ޕްރީސްކޫލަކީ އެރަށު ކައުންސިލް އިދާރާއިން ހިންގަމުން އަންނަ ސްކޫލެކެވެ. އެ ސްކޫލްގައި ޖުމްލަ 169 ކުދިން އަންނަނީ ކިޔަވަމުންނެވެ.