18 Jun 2013, 11:19
ލަންޑަން (ޖޫން 18): ސިނާޢަތާއި މަސައްކަތްތެރި ކަމުގެގޮތުން ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ 8 ގައުމު ކަމަށްވާޖީ 8ގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް އުތުރު އަޔަލޭންޑްގައި އިއްޔެ ފެށިއްޖެ އެވެ.
މިސަމިޓްގައި ބައިވެރިވަނީ ސިނާޢަތާއި މަސައްކަތްތެރި ކަމުގެ ގޮތުން ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ 8 ގައުމު ކަމަށްވާ އެމެރިކާ، ރަޝިޔާ، ޖަޕާން، ޖަރުމަނު، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިޓަލީ އަދި ކެނެޑާގެ އެންމެ އިސްވެރިންނެވެ. އުތުރު އަޔަލެންޑްގެ ގޮލްފް ރެސޯޓެއްގައި ކުރިޔަށްދާ ޖީ އަށެއްގެ ސަމިޓްގައި އެންމެ ބޮޑު އިސްކަމެއްދިނުމަށް ހަމަޖެހިފައި ވަނީ ދުނިޔޭގެ އިޤްތިސާދާއި ވިޔަފާރިއާ ބެހޭ މައްސަލަތަކަށް ކަމަށް މިސަމިޓްގެ ރިޔާސަތު ބަލަހައްޓަވާ އިނިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވެފައިވީ ނަމަވެސް ސަމިޓްގެ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެމުންގެންދަނީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންބޮޑު އަހްލީ ހަނގުރާމައިގެ މައްސަލަ ކަމަށް ޚަބަރު ލިބެ އެވެ.
ސޫރިޔާގެ މައްސަލާއާބެހޭ ގޮތުން ވަކިވަކިން މަޝްވަރާތައް ކުރެއްވުމަށް ޓަކައި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އާ ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް އިއްޔެ ވަނީ ވަކިވަކިން ބައްދަލުކުރުންތައް ބާއްވަވާފަ އެވެ.(ނޫސްއެޖެންސީތައް)