ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތަކުގައި ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ހޯދުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާ އެކު ފުލުހުން ބޭއްވި ބައްދަލުވުމުގައި އެމްޑީޕީން ބައިވެރިނުވެ، ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާންކޮށްފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތުދީފައިވާ ކަމަށާއި އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން އެ ބައްދަލުވުމުގައި ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި ޕާޓީތަކުގެ ތެރޭގައި ގައުމީ އިއްތިހާދު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގެ މަންދޫބުން ހިމެނެ އެވެ. އަދި ފުލުހުންގެ އިދާރާ އިން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އާއި ސެންޓްރަލް އޮޕަރޭޝަން ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.

ފުލުހުން ބުނީ ބައްދަލުވުމަށް އެމްޑީޕީގެ މެމްބަރަކު އިސްކަންދަރު ކޮޓަށް ހާޒިރުވި ނަމަވެސް ބައްދަލުވުން ފެށުމުގެ ކުރިން، އެ ޕާޓީން އެކަމާ ގުޅިގެން ފުލުހުންގެ އިދާރާ އަށް ސިޓީއެއް ފޮނުވާފައިވާ ކަން އެނގިގެން ބައްދަލުވުމުގައި ބައިވެރިނުވެ ގޮސްފައިވާ ކަމަށެވެ.

ަސަން އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީން ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ބައިވެރިވުމެއް ނެތި އިންތިހާބާ ގުޅިގެން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި އެ ޕާޓީން ބައިވެރިނުވުމަށް އެމްޑީޕީގެ އުފައްދާފައި އޮންނަ އިންތިހާބާ ބެހޭ ކޮންޕްލެއިންސް ކޮމިޓީން ގާނޫނީ ލަފާދީފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާ އިން އިއްޔެ ބޭއްވި އެ ބައްދަލުވުމަކީ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތުގެ މައުލޫމާތު ސިޔާސީ ޕާޓީތަކަށް ދިނުމަށާއި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރި މާހައުލެއް ގާއިމްކޮށް ރިޔާސީ އިންތިހާބުގެ ކަންތައްތައް ސަލާމަތާއި ރައްކާތެރިކަމާ އެކު ކުރިޔަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ އެންމެހައި ކަންކަން އިންސާފުވެރިކަމާއި އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގައި ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށް ބޭއްވި އެ ބައްދަލުވުމުގައި ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ވެސް ޕާޓީތަކާ އެކު ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.