އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ދިނުމުގެ ބިޑިން ޕްރޮސެސްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ކޮމިޝަނަށް ފާޑުކިޔައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަށް އޭސީސީ އިން ހޫނު ރައްދެއް ދީފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު "ސަން" އަށް ވިދާޅުވީ ޝެއިހު އިމްރާނުމެން އޭސީސީ އަށް ފާޑުކިޔަމުން ދަނީ ރިޕޯޓް ކިޔާނުލައި ކަމަށާއި އެއީ ޒިންމާދާރުގޮތެއް ނޫން ކަމަށެވެ. އަދި ދީނީ އިލްމުވެރިއަކަށްވެ ހުރެ ރޭ ދިޓީވީގެ ޕްރޮގުރާމެއްގައި އިމްރާން ދެއްކެވި ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށާއި އިމްރާނުގެ އެ ވާހަކައިގެ ސަބަބުން ދީނީ ދަންނަބޭކަލުންނާ މެދު ރައްޔިތުން ކުރާ އިހްތިރާމް ގެއްލިގެން ހިނގައްޖެ ކަމަށް ވިދާޅި އެވެ.

"އަޅުގަނޑު ވަރަށް ލަދުގަތް އިމްރާނު ކަހަލަ ދީނީ އިލްމުވެރިއެއް އެފަދަ ތުހުމަތުތަކެއް ކުރީތީވެސް. އޭނާ އަށް ދީނީ ކަންކަން އެގި ހުރެ ޓީވީގައި އެފަދަ ވާހަކަތަކެއް ދެއްކެވީމަ އަޅުގަނޑު ހަމަ ލަދުގަނޭ،" ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ އޭސީސީ އިން މަސައްކަތް ކުރަންޖެހެނީ ޝެއިހު އިމްރާން ވިދާޅުވާ ގޮތަކަށް ނޫން ކަމަށާއި އޭސީސީ އިން އަމަލުކުރަން ޖެހެނީ ގާނޫނުގައި ބަޔާންކޮށްފަ އޮތް ގޮތަށް ކަމަށެވެ. އަދި އިމްރާނުގެ އެވާހަކަތަކުގެ ސަބަބުން އޭސީސީގެ ނިންމުން ބަދަލުވެގެން ނުދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެރިޕޯޓްގައި ބުނެފައި ވަނީ ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ބިޑިން ޕުރޮސެސްގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށެވެ. ނަމަވެސް ޖީއެމްއާރް އެއާޕޯޓާއި ހަވާލުވެގެން ކުރިއަށް ގެންގޮސްފައިވާ ހުރިހާ ކަމެއްގައި ކޮރަޕްޝަން އެކުނުލެވޭ ކަމަށް ބުނެފައިނުވާނެ ކަމަށް ވިދާޅުވި އެވެ.

ރޭގެ ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖީއެމްއާރަށް އިބްރާހިމް ނާސިރު އެއާޕޯޓް ކުއްޔަށްދީފައި ވަނީ ކޮރަޕްޝަން އެކުލެވޭ ގޮތަކަށްތޯ ބެލުމަށް ފަހު އޭސީސީން ނެރުނު ރިޕޯޓާއި ގުޅިގެން އިމްރާނު ވިދާޅުވީ އެއާޕޯޓް ޖީއެމްއާރު ކުއްޔަށް ދިނުމާއި ގުޅޭ ގޮތުން އޭސީސީން އެކި ފަހަރު ވާހަކަ ދައްކާފައި ވަނީ އެކި ގޮތަށް ކަމަށާއި އޭސީސީން ނެރެފައި ވަނީ ދެކޮޅު ނުޖެހޭ ރިޕޯޓެއް ކަމަށެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމާގުޅޭ ގޮތުން އޭސީސީ އިން އިއްޔެ ނެރުނު ތަހުގީގު ރިޕޯޓްގައި ބުނެފައި ވަނީ ޖީއެމްއާރު ކޮންސޯޓިއަމަށް އެއާޕޯޓް ހަވާލުކުރުމަށް ހިންގި ބޮޑިން ޕޮރޮސަސްގައި ކަރޮޕްޝަން ނުހިމެނޭ ކަމަށެވެ. ނަމަވެސް މުޅި ޕްރޮސެސްގައި ކޮރަޕްޝަން ނުހިމެނޭ ކަމަކަށް އޭސީސީއަކުން ނުބުނެ އެވެ.