18 Jun 2013, 10:07
ޗަންޕާ ހުސެއިން އަފީފަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މައި އެއް ތަނބެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހޮޓެލް ޗެއިންތައް ގެނެސް، ރާއްޖޭއަކީ ނަން ވިދާ ފެންވަރުގެ މަންޒިލަކަށް ހެދުމުގައި އަފީފްގެ ހިއްސާ ބޮޑެވެ.
އަފީފްގެ ބޮޑު ހިއްސާއެއް އޮންނަ ކްރައުން އެންޑް ޗަންޕާ ރިސޯޓްއަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓްތައް އޮޕަރޭޓްކުރާ އެއް ކުންފުންޏެވެ. އަދި އޭނާގެ ހިއްސާ އޮންނަ ބައެއް ރިސޯޓްތައް ބޭރުގެ މަޝްހޫރު ހޮޓެލް ޗެއިންތަކާ ހަވާލުކޮށްގެން ހިންގަ އެވެ.
ޓޫރިޒަމް ރާއްޖެ އަށް ތައާރަފްކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އަފީފްގެ މިހާރު ވިސްނުންފުޅަކީ ދެކުނު ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމެވެ. އޭގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އޭނާ ހިއްސާވާ ކާސާ ހޯލްޑިން އިން ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ 30 ޕަސެންޓް ހިއްސާ ގަނެފަ އެވެ. މިއީ އަފީފް ހިއްސާވާ ކުންފުންޏަކުން އެއާޕޯޓެއް ތަރައްގީކުރަން ކުރި ފުރަތަމަ އިންވެސްޓްމަންޓެވެ.
ސަން އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އަފީފް ވިދާޅުވީ އޭނާ ބޭނުންފުޅު ވަނީ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ސަރަހައްދު މާލެ ސަރަހައްދާ އެއް ފެންވަރަށް ޓޫރިޒަމް ތަރައްގީކުރުމެވެ.
"އަޅުގަނޑުގެ ނިޔަތަކީ ގަން އެއާޕޯޓާ އެކު އެ ސަރަހައްދަކީ ބޮޑު ޓޫރިޒަމް ޒޯނަކަށް ހެދުން. އެ އެއާޕޯޓު ރަނގަޅު ފެންވަރުގައި ހިންގަން 500 ވަރަކަށް އެނދު މަދުވެގެން އެ ސަރަހައްދުގައި ހުންނަން އެބަ ޖެހޭ. އެހެންވެ އަޅުގަނޑު ހެރެތެރެ ހިންގަން ޝައުގުވެރިވީ. އެހެން ނޫން ނަމަ އެ ފައިސާ އިން އަޅުގަނޑުގެ އެހެން ރިސޯޓަކަށް އިންވެސްޓްކުރިޔަސް މާ ބޮޑު ފައިދާއެއް ހޯދިދާނެ،" އޭނާ ވިދާޅުވި އެވެ.
އަފީފް ހިއްސާވާ ޓޮޕް ޓްރީ އިންވެސްޓްމަންޓުން ވަނީ އެމްޓީޑީސީން ހިންގަމުން ގެންދިޔަ ހެރެތެރެ އައިލެންޑް ރިސޯޓް 30 މިލިއަން ޑޮލަރަކަށް ގަންނަން ހުށަހަޅައިފަ އެވެ. އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ އެ ރިސޯޓް އަފީފް ހިއްސާވާ ކުންފުންޏަށް ވިއްކާލަން މިދިޔަ މަހުގެ 30 ވަނަ ދުވަހު ނިންމައިފަ އެވެ.
ހެރެތެރެ އަކީ އެމްޓީޑީސީގެ ޗެއާމަނަކަށް އަފީފް ހުންނަވައިގެން 2007 ވަނަ އަހަރު ތަރައްގީކުރި ރިސޯޓެކެވެ. އެ ކުންފުނިން އަފީފް ވަކިވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީސް އެ ރިސޯޓް ސަބް ލީސްކޮށްގެން ހިންގަން ހަވާލުކުރީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާވާ ޔޮޓް ޓުއާސް މޯލްޑިވްސްއާ އެވެ. ނަމަވެސް އެ ކުންފުންޏާ ހަވާލުކޮށްގެން ރަށް އެކަށީގެންވާ ގޮތެއްގައި ނުހިންގި، އެމްޓީޑީސީ އަށް މާލީ ގޮތުން ބޮޑު ގެއްލުމަކާއެކު އެއްބަސްވުން ބާތިލުކުރަން ޖެހުނެވެ.
ޔޮޓު ޓުއާސްގެ އެއްބަސްވުން ބާތިލުކުރުމަށް ފަހު 2010 ވަނަ އަހަރު އެމްޓީޑީސީން ދެން ހަވާލުކުރީ ތައިލެންޑްގެ އޮނިކްސް ހޮސްޕިޓަލީ ގްރޫޕާ އެވެ. ނަމަވެސް އެ ކުންފުންޏަށް ވެސް ދިމާވި ތަފާތު ދަތިތަކާ ހެދި މިއަހަރުގެ ކުރީ ކޮޅު ވަނީ ރިސޯޓު ހިންގުން ދޫކޮށްލައިފަ އެވެ. މިއީ ފާއިތުވި ފަސް އަހަރެއްހާ ދުވަހު އެމްޓީޑީސީން ކުރަން ޖެހުނު ހިތި ތަޖުރިބާއެކެވެ.
ހެރެތެރެ ހިންގަން ތަފާތު ކުންފުނިތަކުން ކުރި މަސައްކަތް ކާމިޔާބު ނުވިނަމަވެސް އެ ރަށް ކާމިޔާބުކަމާ އެކު ހިންގިދާނެ ކަމުގެ ޔަގީންކަން އަފީފަށް އެބަ އޮތެވެ.
އަފީފް ވިދާޅުވީ އޭނާގެ ކުންފުނިން ހެރެތެރެ ހިންގަން ފަށާނީ ޓުއަ އޮޕަރޭޓަރުންގެ އިތުރުބާރު ލިބޭ ގޮތަށް ކަމަށެވެ.
"އަފީފްގެ ކުންފުންޏަކުން ހެރެތެރެ ހިންގާ ނަމަ ޓުއަ އޮޕަރޭޓަރުން ގަބޫލުކުރާނެ އެތަން ވެސް ހިންގާނީ އަޅުގަނޑުގެ އެހެން ރިސޯޓްތައް ވެސް ހިންގާ ފެންވަރުގައި ކަން. އެހެންވީމަ އަޅުގަނޑަށް ޓުއަ އޮޕަރޭޓަރުންގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް. ލަވައެއް ނޫން މުހިންމު ވަނީ. ލަވަ ކިޔާ މީހާ މުހިންމު ވަނީ،" އެ ރިސޯޓާ މެދު އަފީފްގެ ތަސައްވުރު ހާމަކޮށްދެއްވަމުން ވިދާޅުވި އެވެ.
އަފީފް ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއަށް މިހާރު ދިމާވެފައިވާ މައިގަނޑު މައްސަލަތައް ހައްލުކުރެވެން އޮތީ ދެކުނު ތަރައްގީކުރެވިގެންނެވެ.
"ފިއުޗާ ސޮލިއުޝަނެއް އޮތީ [މުސްތަގުބަލުގެ ހައްލެއް އޮތީ] ދެކުނު ޓޫރިޒަމް ހަބެއްގެ ގޮތުގައި ތަރައްގީކޮށްގެން. އެތަނުގައި އާބާދީ ވެސް އެބައޮތް. އެހެންވީމަ ބޮޑު ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރެވިއްޖެ ނަމަ އެތައް ސަތޭކަ ވަޒީފާއެއް އުފެދި ރައްޔިތުންގެ ދިރިއުޅުން އެތައް ގުނައެއް މައްޗަށް ދާނެ. އަޅުގަނޑު ބޭނުން ވަނީ އެ ހިސާބަށް ކަމެއް ކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
އަފީފް ދެކެވަޑައިގަންނަވާ ގޮތުގައި ގަން އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއްގެ ގޮތުގައި ހިންގަން އަންނަ އަހަރުގެ ތެރޭގައި ފަށާއިރު އައްޑު އާއި ހުވަދު އަތޮޅުގައި އިތުރު ރިސޯޓްތަކެއް ތަރައްގީކުރަން ޖެހެ އެވެ. އޭރުން އެ ސަރަހައްދަކީ ވެސް މާލެ ސަރަހައްދާ އެއް ފެންވަރުގެ ޓޫރިޒަމް ހަބަކަށް ވުމުގެ ފުރުސަތު އެބަ އޮތެވެ.
އަފީފް ހިއްސާވާ ކާސާ ހޮލްޑިން އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ ގުޅިގެން ގަން އެއާޕޯޓު ތަރައްގީކުރާއިރު އެތަނުގައި މިހާރު އުދުހޭ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކުރުމުގެ އިތުރުން ސީ ޕްލޭން ހަބަކާއި އިންޓަނޭޝަނަލް ފެންވަރުގެ ޓްރާންސިޓް ހޮޓަލެއް ހެދުމަށް ވަނީ ނިންމައިފަ އެވެ. މީގެ ސަބަބުން އައްޑޫގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ސަތޭކަ ވަޒީފާއެއް އުފެދި، އިގްތިސާދީ ގޮތުން މުހިންމު ސަރަހައްދަކަށް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާގެ މިހާރުގެ އަމާޒަކީ ދެކުނަށް "ކަމެއް" ކޮށްދީގެން އެ ސަރަހައްދު ތަރައްގީކުރުމެވެ. އެކަން ހާސިލްކުރެވިދާނެ ކަމުގެ ޔަގީންކަން އަފީފަށް އެބައޮތެވެ.