އަންކަރާ (ޖޫން 18): ތުރުކީގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންގެންދާ ފަރާތްތަކާ ދެކޮޅަށް ސިފައިންގެ ލަޝްކަރުތައް ނެރެންޖެހިދާނެ ކަމުގެ އިންޒާރު އެގައުމުގެ ސަރުކާރުން ދީފި އެވެ.

ތުރުކީގެ ބޮޑުވަޒީރުގެ ނައިބު ބުލެންތް އަރިންގް ވިދާޅުވީ އެގައުމުގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރިޔަށްދަނީ ޣައިރު ޤާނޫނީ އިޙްތިޖާޖްތަކެއް ކަމަށާ މިއިޙްތިޖާޖްތަކަށް ސަރުކާރުން ފުރްސަތު ނުދޭނެކަމުގަ އެވެ. އިޙްތިޖާޖްކުރާ ފަރާތްތަކުން ގެންދަނީ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރްދުޣާންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އުރުދުޣާންގެ ނައިބު ބުލެންތް އަރިންގް ވިދާޅުވީސަރުކާރާ އިދިކޮޅު އިޙްތިޖާޖްތައް ނިމުމަކަށް ގެނައުމަށް ސިފައިންގެ ލަޝްކަރުތައް ނެރުމަށް ފަސް ނުޖެހޭނެ ކަމަށާ މިކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމުގަ އެވެ.

އުރުދުޣާން ވަނީ އިޙްތިޖާޖްތައް ކުރިޔަށް ގެންދާ ފަރާތްތަކަކީ ބޭރުގެ މަދަދުލިބޭ ޓެރަރިސްޓުން ކަމަށް ސިފަކުރައްވާފަ އެވެ. އަދި އެފަރާތްތަކުގެ ބޭނުމަކީ އޭނާގެ ވެރިކަމުގައި ތުރުކީއަށް ގެނަސްފައިވާ ކުރިއެރުމާއި ތަރައްގީ ފަނާކޮށްލުން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. ލާދީނީ ތުރުކީ،އުރުދުޣާންގެ ވެރިކަމުގައި އިސްލާމް ކުރަމުން ގެންދާ ކަމަށް އެގައުމުގެ ލާދީނީ ޚިޔާލުގެ މީހުން ތުހުމަތު ކުރެ އެވެ.

މީގެތިން ހަފްތާކުރިން ފެށިގެން ތުރުކީގެ އިސްތަންބޫލްގައި އިޙްތިޖާޖްތައް ފެށުނީ އެރަށުގެ ތަޤްސީމް މައިދާނުގެ ގެޒީ ޕާކް އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢާ މެދުގަ އެވެ. މިމަޝްރޫޢު ސަރުކާރުން މިހާރުވަނީ ވަގުތީގޮތުން ހުއްޓާލާފަ އެވެ. އަދިތުރުކީ ފުލުހުން ވަނީ ތަޤްސީމް މައިދާން ޙިސާރުކޮށް ކޭންޕްޖަހައިގެން ތިބި އިދިކޮޅު ފަރާތްތައް ބާރުގެ ބޭނުންކޮށްގެން ފައްސާލައި އެތަން މުޅިން ސާފުކޮށްފަ އެވެ. ނަމަވެސް ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ އިޙްތިޖާޖްތައް ނިމުމަކަށް ގެނައުމުގައި އުރުދުޣާންގެ ސަރުކާރުވަނީ ނާކާމިޔާބުވެފަ އެވެ. ސަރުކާރާ ދެކޮޅަށް އިޙްތިޖާޖްކުރާ ފަރާތްތަކުން މިހާރު ވަނީ އިސްތަންބޫލާއި ތުރުކީގެ ބޮޑެތި ސިޓީތަކުގައި އައު ބާރަކާ އެކު އަލުން އިޙްތިޖާޖްތަކާއި މުޒާހަރާތައް ކުރިޔަށް ގެންދަން ފަށާފަ އެވެ.

ތުރުކީގެ އަވަށްޓެރި ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނީ އަދި ފޯރުކޮށްދެމުން މިހާރު ގެންދަނީ ވެސް އުރުދުޣާންގެ ސަރުކާރުން ކަމަށްވާތީ ތުރުކީގެ ހަމަނުޖެހުންތަކުގައި ސޫރިޔާގެ އަތެއްވުމަކީ އެކަށީގެންވާ ކަމެއްކަމަށް އުރުދުޣާނަށް ތާއީދުކުރާ ފަރާތްތަކުން ދެކެއެވެ. ތުރުކީގެ ހަމަނުޖެހުންތަކުގައި 5000 މީހުން ޒަޚަމްވެ 5000 މީހަކު މަރުވެފައިވެ އެވެ. (ނޫސްއެޖެންސީތައް)