މޮސްކޯ (ޖޫން 18): ސޫރިޔާގައި އުދުހުން މަނާ ސަރަހައްދެއް ޤާއިމް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ސިފަކޮށް އެ ފުރުސަތު ނުދޭނެ ކަމަށް ފާޅުކަންބޮޑު ގޮތެއްގައި ރަޝިޔާ ބުނެފި އެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ހުއްދައަކާނުލައި ސޫރިޔާގައި އުދުހުން މަނާ ސަރަހައްދެއް ގާއިމް ނުކުރެވޭނެ ކަމަށާއި އެއާޚިލާފަށް އެކަންކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމުގަ އެވެ. ރަޝިޔާއަކީ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާ ދެކޮޅަށް ވީޓޯކުރުމުގެބާރު ލިބިފައިވާ ގައުމަކަށްވާތީ ރަޝިޔާ ދެކޮޅުހަދާ ކަމެއް ސަލާމަތީ މަޖިލީހުން ފާސްނުކުރެވޭނެ ކަމަށް މުރާސިލުން ބުނެއެވެ.

ރަޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާން އެލެގްޒެންޑާ ލޮކަޝިވޮޗްސް ވިދާޅުވީ ލީބިޔާގައި އުދުހުން މަނާސަރަހައްދެއް ޤާއިމްކުރުމުގެ ފުރްސަތު ދިނުމުން ކަންތައް ވެގެންދިޔަ ގޮތް ފެނިފައިވާ ކަމަށާއި ސޫރިޔާގައި މިކަން ތަކުރާރު ކުރުމުގެ ފުރުސަތު ރަޝިޔާ އިން ނުދޭނެ ކަމުގައެވެ. ދެ ހާސް އެގާރަ ވަނަ އަހަރު ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް ޤައްޒާފީގެ ވެރިކަމާ ދެކޮޅަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ހަނގުރާމަ ކުރިއިރު ލީބިޔާގައި އުދުހުން މަނާ ސަރަހައްދެއް ޤާއިމް ކުރުމުގެ ހުއްދަ އދ.ގެ ސަލާމަތީ މަޖިލީހުން ދިނީ ރަޝިޔާ އަޅާނުލުމުގެ ސަބަބުންނެވެ. ނަމަވެސް އެ ހުއްދަ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ފަރަންސޭސި ޢަސްކަރީ މަތިންދާބޯޓުތަކުން ލީބިޔާ ސިފައިންގެ ހައްސާސީ މަރުކަޒު ތަކަށާއި ގައްޒާފީ ދިރިއުޅުއްވާ ކޭންޕަށް ވައިގެ ޙަމަލާތައްދީ އެތަންތަން ސުންނާފަތިކުރަން ފެށުމުން ރަޝިޔާ ރުޅިވެރިކަމާ އެކު އަޑުއުފުލިއިރު ވަގުތުވަނީ ފާއިތުވެފަ އެވެ.

ސޫރިޔާގައި އުދުހުން މަނާ ސަރަހައްދެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުން ގެންދަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންނެވެ. ނަމަވެސް ސޫރިޔާގައި މިފަދަ ސަރަހައްދެއް ގާއިމްކުރުމަކީ ޚަރަދުބޮޑު ކަމަކަށްވާތީ އެމެރިކާގެ ދިފާޢީ ބަޖެޓް ކުޑަކޮށްފައިވާ މިދުވަސްވަރުގައި މިޚަރަދު ކުރުމަށް އެމެރިކާ ފަސްޖެހެމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަނެއްކޮޅުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތަކީ ވެސް އިޤްތިސާދީ ހީނަރުކަމުގެ ތެރޭގައި އުޅޭ ދެގައުމެވެ.
ސޫރިޔާގައި އުދުހުންމަނާ ސަރަހައްދެއް ޤާއިމްކުރުމުގައި ހުޅަނގުގެ ބޭނުމަކީ އެކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ސޫރިޔާގެ އަހްލީ ހަނގުރާމަ ހުޅަނގަށް ފައިދާ ހުރިގޮތަށް ނިންމާލުމަށް މަގުފަހިކުރުން ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. މަތިންދާބޯޓުތައް ވައްޓާލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ހަތިޔާރު ރަޝިޔާ އިން ސޫރިޔާ ސަރުކާރަށް ފޯރުކޮށްދީފި ނަމަ ސޫރިޔާގައި އުދުހުންމަނާ ސަރަހައްދެއް ޤާއިމް ކުރަން ހުޅަނގުގެ ބާރުތަކަށް ނުކެރޭނެ ކަމަށް ވެސް މިފަރާތްތަކުން ދެކެ އެވެ. (ނޫސްއެޖެންސީތައް)