އިންޑިއާގެ ކަނޑުގެ ބިޔަ ރާޅުތަކުގައި ފެތެމުން ދިޔަ "އެވްވީ އޭޝިއަން އެކްސްޕްރެސް"ގެ ކެޕްޓަން އެ ބޯޓުގައި ތިބި 22 ފަޅުވެރިންނަށް ހިތްވަރު ދެމުން، އަތުކުރި އޮޅާލީ، އެ ނުތަނަސްވަސްކަން އެ މީހުންނަށް ފަރުދާ ކުރަމުންނެވެ. ނަމަވެސް އޭރު ވެސް "ގިނަ މީހުން ތިބީ ވަރަށް ބޮޑަށް ޕެނިކްވެފައި،" މިދިޔަ ހަފްތާގައި ޕާކިސްތާނުގެ ކަރާޗީގެ ބަނދަރަކުން ފުރައިގެން 22 މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށް އަޑިއަށް ދިޔަ، ރާއްޖޭގެ ކާގޯ ބޯޓުގެ ހިތްވަރު ގަދަ ކެޕްޓަން އަހުމަދު ޝާކިރު ބުންޏެވެ.

ޝާކިިރަށް އެ ބޯޓުގައި ހޭދަކުރި ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަވެރި ހާދިސާއަކީ އެ ބޯޑު އަޑިއަށް ދިޔަ ހާދިސާ އެވެ. އެ ހާދިސާގައި ބޯޓު އަޑިއަށް ދިޔަ ނަމަވެސް ބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިން އިންޑިއާގެ ކޯސްޓްގާޑުން ވަނީ ސަލާމަތްކޮށްފަ އެވެ. އެ ބޯޓުން ދަތުރުކުރި އިންޑިއާގެ ހަތަރު މީހުން އެ ގައުމުގައި މަޑުކުރިއިރު ބޯޓުގައި ތިބި ދިވެހި 18 ފަޅުވެރިން ވަނީ މާލެ ގެނެސްފަ އެވެ.

ސަތޭކަ ވިހި މީޓަރުގެ ދިގު އެ ބޯޓު އަޑިއަށް ދިޔައީ ރާއްޖެ އައި މަގުމަތީގައި އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ބޯޓު ހުއްޓުމުގެ ސަބަބުން، އޮޔާދާތާ ދެ ދުވަސް ފަހުން ބޯޓުގެ ބަނޑުފިލައިން ތަންގަޑެއް ފަޅައިގެން ގޮސް ދެ ފަލުކާއަށް ލޮނު އަރައިގެންނެވެ.

ބޯޓުގެ ކެޕްޓަން ޝާކިރު ބުނި ގޮތުގައި ބޯޓުގެ އިންޖީނަށް އެ މައްސަލަ ދިމާވީ ވިއްސާރަވެ ކަނޑު ވެސް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭނާ ބުނީ ބޯޓުގެ އިންޖީނު ހުއްޓުނީ މިމަހުގެ 9 ވަނަ ދުވަހު ކަމަށެވެ. އަދި ބޯޑު ފަޅައިގެން ގޮސް ލޮނު އަރަމުން ދިޔަ ކަން އެނގުނީ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމުގައި އޭނާ ބުންޏެވެ.

އިންޖީނު ހުއްޓުނު ފަހުން އާދަވެގެން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ބޯޓުގެ ހާލަތު ބަލާ ކަމަށާއި އެދުވަހު ހެނދުނު ފަލުކާއަށް ފައިބާ ބެލި އިރު ބޯޑުގެ ބަނޑު ފިލާއިން ހަތަރު ފޫޓުގެ ތަނެއް ފަޅައިގެން ގޮސް، ލޮނުއަރަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

ޝާކިރު ބުނީ ރާޅު ޖަހާލާ ގަޑީގައި ފަޅައިގެން ގޮސްފައި ހުރި ތަންގަނޑު ފުޅާވެ، ދެ ފަލުކާގެ ތެރެއަށް ލޮނުއަރަމުން ދިޔަ ކަމަށާއި ދެ ޕަންޕު ޖަހައިގެން ވެސް ލޮނުގަނޑު ކޮންޓްރޯލް ނުކުރެވޭނެ ކަން އެނގުނީ އެ ދުވަހުގެ މެންދުރު ފަހު ކަމަށެވެ. އެ ހިސާބުން ކްރޫންނާ އެކު ސަލާމަތްވާން ބޭނުންވާކަން ކޯސްޓްގާޑަށް އެންގި ކަމަށް ވެސް އޭނާ ބުންޏެވެ.

އެވްވީ އޭޝިއަން އެކްޕްރެސްގެ އިންޖީނު ހުއްޓުނީއްސުރެ އިންޑިއާގެ ކޯސްޓްގާޑު އިން ގެންދިޔައީ އެ ބޯޓުގެ ހާލު ބަލަމުންނެވެ. ޝާކިރު ބުނީ އެ ހާދިސާ ހިނގީ މޫސުން ގޯސްވެ ވައިބާރުވުމުން ކަނޑު ގަދަވެފައި ވަނިކޮށް ކަމަށެވެ. "ގަދައިގައި އަންނަ ކޮޅިގަނޑުގައި ގާތްގަނޑަކަށް ހަތަރު ފޫޓަށް ރާޅު ހުރި، ދެ ފަރާތުން ބިންދަމުން ދިޔަ ރާޅުތަކުގެ ސަބަބުން ބޯޓު ދެ ފަރާތަށް ތަޅުވަމުން ގެންދިޔައީ، މެންދުރު 1:30 އެހާކަންހާއިރު ދެ ފަލުކާގައި ގާތްގަނޑަކަށް ފަސް ފޫޓަށް ލޮނު އަރާފައި ހުރި،" ޝާކިރު ބުންޏެވެ.

ހަހާސް ފަސްސަތޭކަ މެޓްރިކް ޓަނުގެ އެ ބޯޓު ދޫކޮށްލަން ނިންމީ އެ ދުވަހުގެ މެންދުރު ފަހު 3 ޖަހާ އެހާކަންހާއިރު ކަމަށާއި އިރުއޮއްސުމުން ބޯޓުގައި ތިބި ފަޅުވެރިންގެ ފުރާނަ ސަލާމަތް ކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ބެލެވޭތީ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ހިސާބުން ބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމަށް އިންޑިއާގެ ކޯސްޓްގާޑުން އެސަރަހައްދަށް ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ކޯސްޓްގާޑު އެ ސަރަހައްދާއި ގާތްގަނޑަކަށް ދިހަވަރަކަށް މޭލަށް ގާތްކުރި އިރުވެސް ވަރަށް ބޯކޮށް ވިއްސާރަވެހެމުން ދިޔަ ކަމަށެވެ. ބޯޓުގައި އޮތް ދެ ލައިފް ބޯޓުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެ ހިސާބުން ފެށީ އެމީހުންގެ ލަގެޖްތަކާ ވެސް އެކުގައި ކަމަށާއި ނަމަވެސް ކަނޑުގަދަ ކަމުން ލައިފް ބޯޓަށް އަރަން ޖެހުނީ ގިނަ މީހުންގެ ލަޖެޖްތައް ދޫކޮށްލުމަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ.

ކޯސްޓްގާޑުން ލައިފް ބޯޓުތަކާއި ކައިރި ނުކުރެވިގެން ލައިފް ބޯޓުތަކަށް ވާ އެއްލި ކަމަށާއި އޭރު އެމީހުން ތިބީ ބައި މޭލެއްހާ ދުރުގައި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެތަނުން އެއް ބޯޓަށް އެވަލުގައި ނުހިފުނީ ގިނަ މީހުން [ޕެނިކްވެފައި] ހުރުމުން ކަމަށް ވެސް އޭނާ ބުންޏެވެ. "ލައިފް ބޯޓަށް އަރަން ބެލިއިރު ބޯޓު [ކާގޯބޯޓް]ގެ ކުރީކޮޅުގެ ޑެކާއި ހަމައިން ކަނޑުގެ ލޮނގަނޑު ދަތުރުކުރޭ،" ޝާކިރު ކިޔާދިނެވެ.

ޝާކިރު ބުނީ ވާ ދޫވި ލައިފް ބޯޓު ސަލާމަތް ކުރުމުގައި ކޯސްޓްގާޑަށް ވެސް ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އެ ލައިފް ބޯޓް ސަލާމަތް ކުރެވުނީ ދެވަނަ ފަހަރަށް އެއްލި ވާ ލައިފް ބޯޓުގައި އައްސައިގެން ކަމަށް ވެސް އޭނާ ބުންޏެވެ. "އެންމެ ވަގުތު ކޮޅަކަށް ވެސް މީހުންގެ ފުރާނަ ސަލާމަތް ނުކުރެވޭނެއޭ ހިތަކަށް ނާރާ،"

އެ ބޯޓުގެ އިންޖީނު ހުއްޓުނީ ޕާކިސްތާނުގެ ކަރާޗީގެ ބަނދަރަކުން އެ ބޯޓަށް އެޅި ތެލެއްގެ ސަބަބުން ކަމަށް އިންޑީއާގެ ކޯސްޓްގާޑާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ނަމަވެސް އެ ބޯޓުގެ ޗީފް އިންޖީނިއަރު އިބްރާހިމް ރަޝީދު ބުނީ ބޯޓުގެ އިންޖީނަށް އެ މައްސަލަ ދިމާވީ ބޯޓަށް އެޅި ތެލެއްގެ ސަބަބުން ކަމަށް ގަބޫލު ނުކުރެއްވޭ ކަމާށެވެ. އަދި ބޯޓަކީ 36 އަހަރުވެފައި އޮތް ބޯޓެއް ނަމަވެސް އެ ބޯޓުގެ ކަންޑިޝަން ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ.

މާލޭގެ އެޕޯލޯ ކުންފުނީގެ ކާގޯ ބޯޓު އިންޖީނު ހުއްޓުނު ހާދިސާއާ ގުޅިގެން "ވިލާ2" ނަމަކަށް ކިޔާ ޓަގް ބޯޓެއް އެބޯޓު ކަފުޖެހުމަށް ޓަކައި އެ ސަރަހަދަށް ފޮނުވުމަށް ހަމަޖެހުނު ކަމަށާއި ނަމަވެސް ބޯޓުގެ ބަނޑުފިލާއިން ބައެއް ފަޅައިގެން ދިޔައިރު ވެސް އެ ބޯޓު އެސަރަހައްދަށް ދިއުމަށް ދަތުރު ނުފަށާ ކަމަށް ބޯޓުގެ އެޖެންޓާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.