އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ދިނުމުގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށް ބުނެ އެންޓިކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)އިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ކޮމިޝަނާމެދު ކޮރަޕްޝަނުގެ ތުހުމަތު ރައްޔިތުން ކުރަމުންދާ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ ހަބަރުތެރެއިން ޕްރޮގުރާމްގައި މިރޭ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ޖީއެމްއާރަށް އިބްރާހިމް ނާސިރު އެއާޕޯޓު ކުއްޔަށްދީފައި ވަނީ ކޮރަޕްޝަން އެކުލެވޭ ގޮތަކަށްތޯ ބެލުމަށްފަހު އޭސީސީން ނެރުނު ރިޕޯޓާއި ގުޅިގެން ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ހިނގައްޖެ އެވެ.

" އޭސީސީން މިއަދު ނެރުނު ރިޕޯޓާއި ގުޅިގެން ދައުލަތު މުވައްސަސާތަކާއި މެދު ރައްޔިތުންގެ އިތުބާރު އިންތިހާއަށް ކުޑަވެއްޖެ ކަމަށް ރައްޔިތުންދެކެ. ހުދު އޭސީސީއާމެދު ކޮރަޕްޝަނުގެ އިނގިލި ރައްޔިތުން ދިއްކުރަން ފަށައިފ،" އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޖީއެމްއާރު ކުއްޔަށް ދިނުމާއި ގުޅޭ ގޮތުން އޭސީސީން އެކި ފަހަރު ވާހަކަ ދައްކާފައި ވަނީ އެކި ގޮތަށް ކަމަށާއި އޭސީސީން ނެރެފައި ވަނީ ދެކޮޅު ނުޖެހޭ ރިޕޯޓެއް ކަމަށެވެ.

"އެއާޕޯޓު އެގްރިމެންޓް ކެންސަލްކުރެވި އެއާޕޯޓު ހިންގުމަށް ތަފާތު އެކި މަސައްކަތްތައް ކުރެވެމުންދާ ދަނޑިވަޅެއްގައި، މި އަހަރުން ހަ މަސް ދުވަސް ފާއިތުވެފައިވަނިކޮން އޭސީސީން ދެކޮޅު ނުޖެހޭ ރިޕޯޓެއް ނެރުން ނެރުމަކީ އަޅުގަނޑު ދަންނަވާނީ އޭސީސީގެ ނަޒާހަތާ ދޭތޭގައި ސުވާލުކުރާނެ ކަމެކޭ. ހުދު އޭސީސީގެ މެންބަރުނާއިމެދު ރައްޔިތުން އެތައް ސުވާލެއް އުފައްދާ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ނަމަ ޖީއެމްއާރު ގެންނާނެ ކަމަށް ބުނަމުންދަނިކޮން އޭސީސީގެ ރިޕޯޓަކީ އެކަމަށް ކޮރާދިން މަގެއް ކަމަށް އިމްރާން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"މާދާމާ އެމްޑީޕީއަށް އަދި ބައެއް ފަރާތްތަކަށް ވެރިކަން ލިބިއްޖެ ނަމަ އަނބުރާ އެއާޕޯޓު ދިނުމަށް މި ދެކެވޭ ވާހަތަކަށް އޭސީސީން މަގުފަހުކޮށްދިނުމަށް އެޅިފިޔަވަޅެއް މިއީ،" އޭސީސީން ނެރުނު ރިޕޯޓާއި ގުޅިގެން ރައްޔިތުން ތިބީ ވަރަށް ބޮޑު ނަފްރަތެއް އުފެއްދިފައި ކަމަށް ފާހަގަކުރައްވަމުން އިމްރާން ވިދާޅުވި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ކުއްޔައް ދިނުމުގައި ކޮރަޕްޝަންގެ މައްސަލައެއް އެކުލެވިގެން ނުވާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ޖީއެމްއާރު ކޮންސޯޓިއަމާއި ސަރުކާރާއި އެމްއޭސީއެލްއާ ދެމެދު 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ކޮންސެޝަން އެގްރިމެންޓްގައި ސޮއިކޮށްފައިވާއިރު އެ ބިޑް އިވެލުއޭޝަން މަރުހަލާގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށެވެ.

"ބިޑް އިވެލުއޭޝަން މަރުހަލާގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބުނާފަދަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަމަށް ބެލެވެން ނެތުމާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަން ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމީ އެވެ" އެރިޕޯޓްގައި ބުނެފައިވެ އެވެ.