17 Jun 2013, 22:01
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ހިންގުމަށްޓަކައި އަދި އެ ހޮސްޕިޓަލުން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި ހޯދަންޖެހޭ އެއްޗެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ހޮސްޕިޓަލްގެ އިސްބޭފުޅުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެން ފަންނީ ބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ، މިވަގުތު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ހައްލުކުރެއްވުމަށް ކުރެވެންހުރި މަސައްކަތްތަކަށް މަގުފަހިކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވަރަށް އަގުބޮޑު އެއްޗެއް ކުއްލިއަކަށް ނުހޯދުނު ކަމަށްވީނަމަވެސް، ހޮސްޕިޓަލުން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ކޮންމެހެން ހޯދަންޖެހޭ އެއްޗެތި ހޯދަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފަސްހާސް ރުފިޔާއަށް ނުވަތަ އެއްލައްކަ ރުފިޔާއަށް މަރާމާތު ކުރެވޭ ސްކޭން މެޝިނެއް ނުވަތަ އެހެން އެއްޗެއް ނުހެދި ހުރެގެން ނުވާނެ ކަމަށް ވިދާޅުވެ، މިކަންކަން ރަނގަޅުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ހޮސްޕިޓަލްގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ބަޖެޓްގައި ފައިސާ ނެތިގެން ކުރަންޖެހޭ ކަމެއް ނުކުރެވި ނުވަތަ ދޭންޖެހޭ ޚިދުމަތެއް ނުދެވި ނުވަތަ ހޯދަންޖެހޭ އެއްޗެއް ނުހޯދި ހިނގައިދާނެ ކަމަށް ހީފުޅުނުކުރެއްވުމަށާއި، ހޮސްޕިޓަލްގެ ކަންކަން ރަނގަޅު ކުރެއްވުމަށް ކުރެވެންހުރި ކަންކަން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުންވެސް އަދި އެހެން ރީޖަނަލް ހޮސްޕިޓަލްތަކުންވެސް ފުރިހަމައަށް ޚިދުމަތް ނުދެވޭކަން ނުވަތަ ހޮސްޕިޓަލްގެ ކަންކަން ރަނގަޅަށް ނުދާކަމަށް އެނގިވަޑައިގެންފިނަމަ، އެކަންކަން ރަނގަޅު ނުކުރައްވައި ނުހުންނަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ދެއްކެވި ވާހަކަފުޅުގައި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ކަންކަން މިހާރުން މިހާރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ބެލުމަށްޓަކައި ހޮސްޕިޓަލްގެ ކަމާބެހޭ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމިޓީއެއް ނަންގަވައިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެ ކޮމިޓީއިން ފާހަގަކުރައްވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި، އެޅެންހުރި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ނާއިބް ރައީސް ވިދާޅުވީ ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެވޭނެގޮތް ހަމަޖެހިގެން ދިޔުން ކަމަށެވެ.
ހޮސްޕިޓަލްގެ ކަންކަން ރަނގަޅު ކުރެއްވުމާ ގުޅޭގޮތުން މިބައްދަލުކުރެއްވުމުގައި ހެލްތު މިނިސްޓަރު ޑރ. އަހްމަދު ޖަމްޝީދު މުހައްމަދު ވެސް ވާހަކަފުޅު ދެއްކެވިއެވެ.
އެ ބައްދަލުވުމުގައި ހޮސްޕިޓަލަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތަކާ ބެހޭގޮތުންނާއި، އެކަންކަން ހައްލުކުރެއްވުމަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން ހޮސްޕިޓަލްގެ އިސްވެރިންނާއި ޑޮކްޓަރުންނާއި އަދި އެހެން މުވައްޒަފުން ވާހަކަ ދައްކަވައި، ރައީސުލްޖުމްހޫރިއްޔާއަށާއި ނައިބު ރައީސަށް ވަނީ މައުލޫމާތު އަރުވާފަ އެވެ.