މާލޭގެ އިރުދެނުކު ފަރާތު ބޮޑުތަކުރުފާނު މަގުގައި ކުރިއަށްދާ ނައިޓްމާކެޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ ނައިޓް މާކެޓަށް ރައީސް ވަހީދު މިއަދު ހަވީރު ވަޑައިގެން އެތަނުގެ ވިޔަފާރިވެރިންނާއި ބައެއް އާންމުންނާ ބައްދަލުކޮށް، ވާހަކަފުޅު ދައްކާފައިވެ އެވެ. އެގޮތުން ބައެއް މޭޒުތަކުގައި ކައިރިއަށް ވަޑައިގެން އެ ސަރައްދުގައި ކުރެވެމުންދާ ވިޔަފާރިއާ ބެހޭ މައުލޫމާތު އޮޅުންފިލުވާފަވެ އެވެ.

ގޯ މީޑީއާ މޯލްޑިވްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނައިޓް މާކެޓުގައި ޖުމްލަ 765 މޭޒު ބަހައްޓާފަވެ އެވެ.