ރާއްޖޭގެ ހުރިހާ ރަށްރަށުގައި ބޭނުންކުރެވޭ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމުގައި ކުރަން ބޭނުންވާ އެއްވެސް މަސައްކަތަކަށް ފައިސާގެ ދަތިކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން އޭޝިއަން ޑެވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ދީފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

ބަނޑޮސް އައިލެންޑް ރިޒޯޓުގައި ދެ ދުވަހަށް ކުރިއަށް ދިޔަ އިންޓަނޭޝަނަލް ރިނިއުވެބަލް އެނާޖީ އިންވެސްޓާސް ކޮންފަރަންސް ނިންމާލުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ އެ ކޮންފަރަންސަކީ ވަރަށް ކާމިޔާބު ކޮންފަރަންސެއް ކަމަށެވެ.

އޭނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގައުމުތަކުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބެމުންދާ ކަމަށާއި ރާއްޖެއިން އެކަމުގައި ގެންގުޅޭ ސިޔާސަތުތަކަކީ ކުލައިމެޓް އިންވެސްޓްމަންޓް ފަންޑުން އެންޑޯޒްކޮށްފައިވާ ސިޔާސަތުތަކެއް ކަމަށެވެ.

މިގޮތުން ރާއްޖެއިން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރާ މަސައްކަތްތަކުގައި ފައިސާ ދަތިކަމެއް ދިމާނުވާ ވަރު ކޮށްދޭނެ ކަމުގެ ޔަގީން ކަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެނާޖީ ޑިވިޝަންގެ ޑިރެކްޓާ ޔޮންގްޕިންގް ޒާއީގެ ފަރާތްޕުޅުން ލިބިފައިވާ ކަމަށް މަތީން ވިދާޅުވި އެވެ.

"އޭޑީބީގެ ޑިރެކްޓާ ޒާއީ ވަނީ އިއުލާންކޮށްދެއްވާފައި ފުޅާ ދާއިރާއެއްގައި ރަށްރަށުގައި ސައްތައިން ސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށް ފައިސާގެ ދައްޗެއް ކުރިމައްޗެއް ނުވާނެ ކަމަށާއި އޭޑީބީއިން އެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް. އެއީ މިކަމުގައި އަޅުގަނޑުމެންނަށް ލިބުނު ބޮޑު އުއްމީދެއް" މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ އޭޑީބީގެ ޑިރެކްޓަރަކުން އެހެން ވިދާޅުވި ވިދާޅުވުމަކީ އެކަމަށް އަމަލީ ސިފައެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ލިބިގެންދާ ކަމެއް ކަމަށެވެ.

މިއަދު ކުރިއަށްދިޔަ ކޮންފަރަންސް ނިންމާލުމުގެ ރަސްމިއްޔާތުގައި އޭޑީބީގެ ޑިރެކްޓާ ޔޮންގްޕިންގް ޒާއީ ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރަން ބަލާއިރު އޭޝިޔާ ސަރަހައްދުގައި އެކަން އެންމެ ފަސޭހައިން ކުރެވޭނެ ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.

"އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން ބަލާއިރު މިސަރަހައްދުގެ ގިނަ ގައުމުތަކުގެ ބޮޑު ބަޔަކަށް ކަރަންޓުގެ ހިދުމަތެއް ނުލިބޭ. ރާއްޖޭގެ ހުރިހާ ރަށަކީ ކަރަންޓުގެ ހިދުމަތް ގާއިމްކުރެވި، ސަރުކާރުން އެހިދުމަތް ދެމުން އަންނަ ރަށްތަކެއް. މިހެން ވުމުން ރާއްޖެއަކީ މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން އެންމެ ފަސޭހަވާނެ އެއް ގައުމު" ޒާއީ ވިދާޅުވި އެވެ.

ނިންމާލުމުގެ ރަސްމިއްޔާތުގައި އެންވާރަމަންޓް މިނިސްޓްރީއިން ވަނީ ކޮންމެ އަހަރަކު ރާއްޖޭގައި ރިނިއުވެބަލް އެނާޖީ އެކްސްޕޯއެއް ބޭއްވުމަށް ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ. މިއަންނަ އަހަރުން ފަށައިގެން ކޮންމެ އަހަރަކު މިއެކްސްޕޯ ބޭއްވުމަށް ނިންމާފައިވާ ކަމަށް އެމިނިސްޓްރީއިން ބުނެ އެވެ.