މެގަ މޯލްޑިވްސް އިން ވިތު ހޮލްޑިން ޓެކްސްގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އެ ފައިސާ ނުދައްކައިގެން އެ ކައުންޓްތައް ފްރީޒްކުރި އިރު އެއްވެސް ފައިސާއެއް ނެތް ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

ޑިރެކްޓަރު ޖެނެރަލް ފަތުހުﷲ ޖަމީލް މިރޭ ވިދާޅުވީ މެގަމޯލްޑިވްސް އިން މިދިޔަ އަހަރުގެ ޖޫންގެ ނިޔަލަށް ވިތު ހޮލްޑިން ޓެކްސްގެ ގޮތުގައި 13 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށެވެ. އަދި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ އާއި ޓެކްސް ބަޔާން ހުށަހަޅާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި ވެސް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އެ ފަރާތުން ދައްކަން ޖެހޭ ފައިސާއާއި ބަޔާން ހުށަހަޅާނެކަމަށް. އެ ފައިސާ ނުދައްކައިގެން އެ ކުންފުނީގެ އެކައުންޓްތައް ބެލިއިރު ހުސްކޮށް ހުރީ. ދައްކަން ޖެހޭ އަދަދާ ގާތްކުރާ އަދަދަކަށް ވެސް އެކައުންޓްގައި ލަރިއެއް ނެތް،" ފަތުހުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރުމަށް ބެލިއިރު އެއް އެކައުންޓްގައި ހުރީ 10،000 ޑޮލަރާއި ނުވަ ހާސް ރުފިޔާ ކަމަށެވެ.

"އަދިވެސް ބައެއް އެކައުންޓްތައް ފްރީޒްނުކުރެވި އެބަހުރި. އެކަމަކު އަޅުގަނޑުމެން އެދިފައިވާނެ ހުރިހާ އެކައުންޓްތައް ފްރީޒްކުރަން. ފްރީޒް ކުރިޔަސް ފައިސާ ޖަމާކުރެވޭނެ،" ފަތުހުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓްސް ކޮމްޕެނީން އެ ކުންފުނީގެ ބޯޓުތަކަށް ހިދުމަތް ދިނުން ހުއްޓާލުމާ މިރާއިން އެކައުންޓްތައް ފްރީޒްކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އެމްއޭސީއެލްއަށް ދައްކަން ޖެހޭ މިލިއަނެއްހާ ޑޮލަރު ނުދައްކައިގެން މިއަދު ހަވީރު 5:10ގައި ޗައިނާއަށް ފުރަން އޮތް ބޯޓު ހިފަހައްޓާފައިވެ އެވެ.