17 Jun 2013, 18:01
މުހައްމަދު ޖުނައިދު އަދި އިސްމާއީލު ޝާކިރު
ސްޓެލްކޯ ކުރިމަތީގައި ތަޅަމުން ދިޔަ އިމާރާތެއްގެ ޝީޓަކުން ބަޔެއް ބައެއް މަގުމައްޗަށް ވެއްޓި ޕިކަޕެއް ހަލާކުވުމުގެ އިތުރަށް މީހަކަށް އަނިޔާ ވެއްޖެ އެވެ.
އަމީނީމަގާއި ކަށިމާހިނގުމާ ގުޅޭ ކަންމަތީގައި ތަޅަމުން ދިޔަ ހ. ކަށިވެލީގެ ޝީޓަކުން ބައެއް ޕިކަޕް މައްޗަށް ވެއްޓުނު އިރު އެ ޕިކަޕްގައި އެ ޕިކަޕްގެ ޑްރައިވަރު ވެސް އިނެވެ. ޝީޓްފަޅި ވެއްޓި ޖެހުނީ ޕިކަޕްގެ ފަހަތުގައި ކަމަށް ވުމުން ޑަރައިވަރަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ޝީޓްފަޅިއާ އެކު ވެެއްޓުނު ބިދޭސީ މީހާ އަށް ވަނީ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ހަތަރު ބުރީގެ އެ އިމާރާތުގެ ވަށައިގެން ފެެންސު ޖަހައި ތަޅަމުން ގޮސް، ދެ ވަނަ ބުރީގެ ބެލްކަނީގެ ޝީޓްފަޅި ވެއްޓުނު އިރު އެ އިމާރާތުގެ ދެ ވަނަ ބުރިއާ ހަމައަށް ހުރިހާ ޝީޓެެއް ވަނީ ތަޅައިފަ އެވެ.
ޝީޓްފަޅި ވެއްޓުނު މަންޒަރު ދުށް މީހަކު ސަން އަށް ބުނީ އޭނާގެ ދަރިފުޅު ގޮވައިގެން ސްކޫލުން ގެ އަށް ދަމުން އައިސް ކަށިވެލި ގެއާ އަރާ ހަމަވި އިރު އެ ސަރައްދުގައި ހުރި ފުލުސް މީހާ ކަށިމާހިނގުމަށް ނޭޅުމަށް އޭނާާ އަށް އެނގި ކަމަށެވެ. ނަމަވެސް އޭނާ އެ އަޑު ނާހައި އެމަގަށް އެޅިތަނާ ކަށިވެލީގެ ދެވަނަ ބުރީގެ ބެލްކަނި ވެއްޓުނުތަން ފެނުނު ކަމަށް އޭނާ ބުންޏެވެ. އަދި އެ ވަގުތު އެ ސަރަހައްދުން ހިނގާފައި ދިޔަ ސްކޫލް ކުއްޖެއްގެ ގައިގައި ވެސް ބެލްކަނިން ފޭބި ގާބުރިތަކުން ޖެހުނުތަން ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އޭނާގެ ގައިގައި އެއިން ބައެއް ނުޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"ބެލްކަނި ވެއްޓުނު އިރު އެގޭގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ވެސް އޮތް މަގުމައްޗަށް ވެއްޓިފައި. އަދި އެވަގުތު އެ ސަރަހައްދުން ބަޔަކު ރޯއަޑު ވެސް އިވުނު،" މަންޒަރުދުށް މީހުން ބުންޏެވެ.