ސައުދީ ސަރުކާރުން މި އަހަރު ދިނުމަށް ކުރިން އެއްބަސްވި 1000 މީހުންގެ ހައްޖު ކޯޓާ، 800 މީހުންނަށް މަދުކުރުމަށް ސައުދީ ސަރުކާރުން ނިންމުމުން 200 މީހަކަށް މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި ވިދާޅުވީ ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ދިނުމުގެ އެއްބަސްވުމުގައި ސައުދީ ސަރުކާރުން ދިވެހި ސަރުކާރާ އެކު އެއްބަސްވެފައި ވަނިކޮން އެ އަދަދު މަދުކޮށްދިނުމަށް ސައުދީ ސަރުކާރުގެ ހައްޖު ވުޒާރާ އިން ރާއްޖެ އަށް އަންގާފައި ވަނީ އިއްޔެ ކަމަށެވެ.

ކޯޓާ މަދުކުރުމަށް ސައުދީން އަންގާފައި ވަނީ މައްކާގެ ދެ ހަރަމްފުޅު ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑަށް ޖާގައިގެ މައްސަލަތައް ކުރިމަތިވެގެން ކަމަށެވެ. އަދި އެ ނޫން ގޮތެއް މިއަހަރު ނެތް ކަމަށް ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން މި ކަހަލަ ކަންތައް ހައްލުކުރުމަށް. މިކަމަކީ މިނޫން ގޮތަކަށް މިފަހަރު ބަދަލުވެގެންދާނެ ކަމެއް ނޫން ކަމަށް ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން އަޅުގަނޑުމެނަށް ވަނީ އަންގާފައި،" ވަޒީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއުތަކާ އެކު އެއްފަހަރާ ތައާފު ކުރެވޭ މީހުންގެ އަދަދު ވެސް މަދުވެފައިވާ ކަމަށެވެ.

"ތައާފްކުރާ ޖާގަ ބޮޑުކުރަން ފެށުމުގެ ކުރިން ގަޑިއިރެއްގެ ތެރޭގައި 48،000 މީހުނަށް އެއްފަހަރާ ތައާފްކުރެވޭ. މި މަޝްރޫއުތައް ފެށިފަހުން ގަޑިއިރެއްގެ ތޭރައި ތައާފްކުރެވެނީ 22000 މީހުނަށް. އެތަނުގެ ބައެއް ތަންތަން ބަންދުކޮށްފައި ހުރުމާއި މަރާމާތު ކުރަން ފަށާފައި ވާތީ."

ޝަހީމު ވިދާޅުވީ ހުރިހާ ގައުމަކަށް ވެސް ދީފައިވާ ކޯޓާ މަދުކުރުމުން އެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. ނަމަވެސް މައްކާ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެކަން ބަލައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ މިކަންތައްތަށް ހިތްތިރިކަމާ އެކު ބަލައިގަތުމަށް. އަދި ސައުދިއަރަބިއްޔާގެ ދަންނަ ބޭކަލުންގެ މަޖިލީހާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން އެދިވަޑައިގަންނަވާ ގޮތަށް އަޅުގަނޑުމެން އެއްބާރުލުން ދިނުމަށް."