17 Jun 2013, 16:53
ސިޔާސީ ހަރަކާތް ހިންގުމަށް އެމްޑީޕީ އަށް ދޫކޮށްފައިވާ އުސްފަސްގަނޑު ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް އަނެއްކާ ވެސް މާލޭ ސިޓީ ކައުންސިލަށް ނޯޓިސް ފޮނުވައިފި އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހަތް ދުވަހުގެ ތެރޭގައި އެތަން މިނިސްޓްރީއާ ހަވާލުކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ފުރަތަމަ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ އެންގުމަށް އަމަލުކޮށްފައި ނުވާތީ މިއަދު ދެވަނަ ނޯޓިސްއެއް ފޮނުވީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ނޮޓިސް ފޮނުވާފައި ވަނީ އެތަނުގައި ހުރި ހުރިހާއެއްޗެއް ހުސްކުރުމަށް ފަހު މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ކަމަށެވެ. އަދި އެ އެންގުމަށް އަމަލުނުކޮށްފި ނަމަ ފުލުހުން މެދުވެރިކޮށް އެތަން ހައުސިން މިނިސްޓީގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި މަހުގެ 27 ވަނަ ދުވަހުގެ ކުރީން އުސްފަސްގަނޑުގައިވާ ތަކެތި ހުސްކުރުމަށް ފަހު އެތަން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް މިއަދު ވަނީ ނޯޓިސް ފޮނުވާފައި. އެ ނޯޓިސްގައިވާ ގޮތުގެ މަތިން އަމަލު ނުކޮށްފި ނަމަ ފުލުހުން މެދުވެރިކޮށް އެތަން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރާނެ ވާހަކަ ވެސް އެ ނޯޓިސްގައި ބުނެފައި ވާނެ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ނޯޓިސްގައިވާ ގޮތުގެމަތިން އެތަން ހަވާލުނުކޮށްފި ނަމަ އޭގެ ފަހުން އެތަނުގައިވާ ތަކެއްޗަށް ލިބޭ ގެއްލުމަކަށް ސަރުކާރުން ޒިންމާ ނުވާނެ ކަމަށެވެ.
އުސްފަސްގަނޑުގެ މައްސަލައިގައި އެންމެ ފުރަތަމަ ސަރުކާރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަނީ ހައުސިން މިނިސްޓްރީއާ އެތަން ހަވާލުކުރުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ މާލޭ ސިޓީ ކައުންސިލުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފަ އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ގާނޫނާ ޚިލާފަށް އުސްފަސްގަނޑު ސަރަހައްދު ބޭނުން ކުރާނަމަ އެތަން އަތުލުމަށް ކޯޓުއަމުރެއް ބޭނުން ނުވާނެ ކަމަށެވެ.