މާލޭގައި ފުރަތަމަ ހުޅުވި އިންޓަނޭޝަލް ހޮޓެލް ޗެއިންގެ ހޮޓާ، ހޮލިޑޭ އިން ހުޅުވިތާ އަހަރު ދުވަސް ނުވަނީސް ޝަންގަރިއްލާ ހޮޓެލްސް އަށް ވިއްކާލައިފި އެވެ.


ޝަންގްރިއްލާ، ވިލިނގިލި މޯލްޑިވްސްގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަން ލެސްލީ ގައިސިއާ މިއަދު ވިދާޅުވީ، މާލޭ ހޮޓެލް އެސޯސިއޭޝަނުގެ 117 ކޮޓަރީގެ ހޮޓާ ރީ ބްރޭޑްކޮށް، ޓްރޭޑާސް ހޮޓެލް މާލެ އަށް ބަދަލުކޮށް މި މަހު ފަހުކޮޅު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


ހޮލިޑޭ އިން ޝަންގްރިއްލާ އަށް ގަތީ ކިހާވަރަކަށް ކަމެއް އަދި ކުރީގެ ޕާޓްނާ، މާލޭ ހޮޓެލް އެސޯސިއޭޝަންގެ ހިއްސާއެއް އޮންނަ ކަމެއް ލެސްލީ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތު ޖެހިވަޑައިގަންނަވާނީ ހޯއްދަވަން ކަމަށެވެ.


ސާދަ ބުރި އަށް އިމާރާތްކޮށްފައިވާ އަދި މާލޭގެ އެންމެ ހާރުބާރު ބޮޑު ސަރަހައްދުގައި ހުރި ހޮޓާ ހުޅުވީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގަ އެވެ. އަހަރު ދުވަސް ވެސް ނުވަނީސް ހޮޓާ ވިއްކާލީ ކީއްވެތޯ ސާފުކުރުމަށް ހޮލިޑޭ އިންއާ ގުޅި އިރު މީޑިއާ އާ ވާހަކަ ދައްކާނެ މީހަކު ނެތުމުން އެ މައުލޫމާތެއް ނުލިބުނެވެ.  


ޝަންގަރިއްލާ އަކީ ކުރިއްސުރެ މާލޭގައި ހޮޓެލެއް ހުޅުވުމަށް މަސައްކަތް ކުރި ބަޔެކެވެ. އަދި 2007 ވަނަ އަހަރު މާލޭގެ ދެކުނު ފަރާތު ދަރުބާރުގެ ހުރި ސަރަހައްދުގައި ހޮޓަލެއް އެޅުމަށް ބިމެއް ވެސް ސަރުކާރުން ނެގި އެވެ.


ޝަންގުރިއްލާގެ ރިސޯޓެއް އައްޑު އަތޮޅު ވިލިނގިލީގައި އޮޕަރޭޓް ކުރެ އެވެ.