17 Jun 2013, 16:48
ރާއްޖޭގައި އުދުހުމުގެ ހިދުމަތްދޭ އަމިއްލަ ކުންފުނި، މެގަ މޯލްޑިވްސްގެ ހުރިހާ އެކައުންޓްތަކެއް ފްރީޒްކުރަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގައިފި އެވެ.
މީރާގެ ޑިރެކްޓަރު ޖެނެރަލް އޮޑިޓް އެންޑް ފައިނޭންސް ފަތުހުﷲ ޖަމީލު މިއަދު ވިދާޅުވީ އެ އޮތޯރިޓީން ކުރި އޮޑިޓަކާ ގުޅިގެން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން އެ އެއާލައިންގެ ހުރިހާ އެކައުންޓްތަކެއް ފްރީޒްކުރަން މިދިޔަ ބުރާސްފަތި ދުވަހު އެމްއެމްއޭ އަށް އަންގާފައިވާ ކަމަށެވެ.
"އެމްއެމްއޭ އިން ހުރިހާ ބޭންކްތަކަށް އަންގާނެ އެ އެއާލައިންގެ އެކައުންޓްތައް ފްރީޒްކުރަން. އަޅުގަނޑުމެން މިގެންދަނީ އެތަނުން ދައްކަން ޖެހޭ ފައިސާ ހޯދަން މަސައްކަތްކުރަމުން. އެކަން ކާމިޔާބު ނުވެގެން އެކައުންޓްތައް ފްރީޒްކުރަން އެންގީ،" އޭނާ ވިދާޅުވި އެވެ. "މިހާރު ވާނީ އެ އެކައުންޓްތައް ފްރީޒްކޮށްފައި ކަމަށް ބެލެވޭ."
މެގަ މޯލްޑިވްސް އިން ދައްކަން ޖެހެނީ ކިހާ ފައިސާއެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
މީރާ އިން އެ އެއާލައިންގެ އެކައުންޓްތައް ފްރީޒްކުރަން އެންގި އިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަށް ދައްކަން ޖެހޭ ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ނުދައްކައިގެން އެ ކުންފުނީގެ ބޯޓުތައް ފުރުން މިއަދު ވަނީ ހިފަހައްޓައިފަ އެވެ.
އެމްއޭސީއެލް އިން ބުނީ މިއަދު ހަވީރު 5:10ގައި ފުރަން އޮތް ބޯޓު މިހާރު އޮތީ ހިފަހައްޓާފައި ކަމަށެވެ.
"މިހާރު ފުރަން އޮތް ބޯޓުވެސް ފުރޭނީ އަޅުގަނޑުމެންނަށް ދައްކަން އޮތް އަދަދުގެ 50 ޕަސެންޓް ދެއްކުމުން،" އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.
މެގަ މޯލްޑިވްސް އަކީ ޗައިނާއަށާއި ހޮންކޮންގަށް ޗާޓަރު ދަތުރުތަކެއް ކުރަމުން އަންނަ އެއާލައިނެކެވެ.