17 Jun 2013, 16:32
ސ. ހިތަދޫގައި އިއްޔެ 66 އަހަރުގެ މީހަކަށް ތޫނުއެއްޗަކުން ހަމަލަދިނުމަށް ފަހު ފޭރުނު މައްސަލައާ ގުޅިގެން ކުޑަ އަންހެން ކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފޭރުމުގެ އެ މައްސަލައާ ގުޅިގެން ރޭ ހައްޔަރުކޮށްފައި ވަނީ 14 އަހަރުގެ އަންހެން ކުއްޖަކާއި 27 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހޯދަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ ދެމީހުން މަގުމަތިން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެމީހުން ހޯދަމުން ދަނިކޮށެވެ.
ހިތަދޫ އުސްގަނޑު ސަރަހައްދުގައި ހުއްޓާ އިއްޔެ ބަޔަކު ހަމަލާދީފައިވާ ހިތަދޫ ސައިފަތްމާގޭ ހަސަން އަލީ (ހަސަންފުތާ) އަކީ ފުލުހުންގެ ސިވިލް މަގާމެއް ފުރުއްވުމަށް ފަހު ޝަރަފުވެރި ކަމާ އެކު ރިޓަޔާ ވެފައިވާ މީހެކެވެ.
ހަސަންފުތާ އަށް އިއްޔެ ހަމަލަދީ އޭނާގެ މޯބައިލް ފޯނާއި ވޮލެޓް ފޭރިގަތްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހަސަންފުތާ އަށް ދިން ހަމަލާގައި އޭނާގެ ކަނާތުގެ އުޅަނބޮށިން ތިރިން ގާތްގަނޑަކަށް އިންޗިއެއްހާ ތަނުން ކަފައިގެން ގޮސްފައިވާ އިރު ވައާތު ކަންފަތުން ތަންކޮޅެއް ކަފައިގެން ގޮސްފައިވެއެވެ.