މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އައްޑު އަތޮޅުގައި ހިންގާ ހެރެތެރެ އައިލެންޑް ރިސޯޓް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް ހިއްސާވާ ޓޮޕް ޓްރީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 30 މިލިއަން ޑޮލަރަށް (462.6 މިލިއަން ރުފިޔާ) ވިއްކާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަތީން މިއަދު ވިދާޅުވީ ހެރެތެރެ ވިއްކާލަން ނިންމީ ޓުއަ އޮޕަރޭޓަރުން ބޭނުންވާ ފެންވަރަށް ރިސޯޓް ހިންގުމަށް ބޭނުންވާ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ލިބެން ނެތުމުން ކަމަށެވެ.

"އޮޕަރޭޓަރުން ބޭނުންވާ ފެންވަރުގައި ހިންގަން އެބަ ބޭނުންވޭ ހަތް މިލިއަން ޑޮލަރު. ނަމަވެސް އެ ފައިސާ ލިބޭކަށް ނެތް. އެހެންވެ ކުންފުންޏަށް މިވަގުތު އެންމެ ފައިދާ ހުރި ގޮތަކީ ރިސޯޓްގެ ހެޑް ލީސް ވިއްކާލުން ކަމަށް ފެންނާތީ އެގޮތަށް ނިންމީ،" އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ހެރެތެރެ ހެޑްލީސް ގަނެގެން ހިންގަން ސިންގަޕޫރުގެ ކުންފުންޏަކުން ވެސް ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި ސަބްލީސްގެ ގޮތުގައި ހިންގަން ޗައިނާ ކުންފުންޏަކުން ވެސް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އޭގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅީ އަފީފްގެ ކުންފުނިން. އެ ހުރިހާ ހުށަހެޅުންތައް ބެލުމަށް ފަހު ބޯޑު ނިންމީ ޓޮޕް ޓްރީ އިންވެސްޓްމަންޓަށް ވިއްކާލަން،" މަތީން ވިދާޅުވި އެވެ.

ައެމްޓީޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ކުންފުނިން ހިންގަމުން އަންނަ ހެރެތެރެ އައިލަންޑް ރިސޯޓްގެ ހެޑްލީސް، ޓްރީ ޓޮޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލުމަށް އެމްޓީޑީސީގެ ބޯޑުން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.

ޓޮޕް ޓްރީ ކުންފުނީގެ އެއް ހިއްސާދާރު ޗަންޕާ އަފީފް ސަންއާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ހެރެތެރެ ގަންނަން އެ ކުންފުނިން ހުށަހަޅާފައި ވަނީ 30 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި އެ ކުންފުނިން އެގޮތަށް ހުށަހެޅައި ބޯޑުން ފާސްކުރި ނަމަވެސް މުޅި މަރުހަލާ ނިމެން އަދި ކައިރިވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ އެމްޓީޑީސީން ހެޑްލީސް ބަދަލުކުރުމާ އެކު ފައިސާ ދައްކަން ތައްޔާރަށް. އަޅުގަނޑުމެންގެ ނިޔަތަކީ ގަން އެއާޕޯޓާ އެކު ހެރެތެރެ ރަނގަޅު ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި ހިންގުން. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. އެއާޕޯޓް ވެސް ރަނގަޅު ގޮތުގައި ހިންގޭނީ އެތަނަށް ބެޑް އިތުރުކޮށްގެން،" އަފީފް ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ 2008 އަހަރުގެ މޭ މަހުން ފެށިގެން 2009 ވަނަ އަހަރުގެ އޮގަސްޓަ މަހާ ހަމައަށް ރިޒޯޓް ހިންގާފައި ވަނީ ޔޮޓް ޓުއަރސް އިން ކަމަށެވެ. އަދި 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2012 ވަނަ އަހަރުގެ ބޮޑު ބައެއްގައި ރިޒޯޓް ހިންގާފައި ވަނީ ތައިލަންޑްގެ އޮނިކްސް ހޮސްޕިޓޭލިޓީ ގްރޫޕްގެ ޕްރޮޑަކްޓެއްކަމަށްވާ އަމާރީ ބްރޭންޑެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އޮނިކްސްއަށް ވެސް ރިޒޯޓު ހިންގުމަށް ދަތިތަކާއި ކުރިމަތި ވުމުގެ ސަބަބުން 2013 ވަނަ އަހަރުގެ ކުރީކޮޅުގައި އޮނިކްސްއާއި އެމްޓީޑީސީ އާ ދެމެދު ވެވުނު އެގްރިމެންޓް ވަނީ ދެ ފަރާތުން ވެސް އެއްބަސްވެވުނު ގޮތަށް ބާތިލުކޮށްފަ އެވެ.

"މި ދެ ޕާޓީ އިން ވެސް ހެރެތެރެ މެނޭޖްކުރުމުގައި ވަނީ އެދެވޭ ކުރިއެރުމެއް ނުލިބިފަ އެވެ. އެހެންކަމުން އެމްޓީޑީސީގެ ބޯޑުން ނިންމެވީ، މިވަގުތާއި ހާލަތަށް ބެލުމަށް ފަހު، މިހާތަނަށް ހެރެތެރެ ހިންގުމަށް ސަބްލީސްކޮށްގެންނާއި އަދި މެނޭޖްމަންޓް ކޮންޓްރެކްޓް އެއްގެ ދަށުން ކުރެވުނު މަސައްކަތްތަކަށް މިކުންފުނީގެ މަގުސަދުތައް ހާސިލްކުރުމަށް އެކަށީގެންވާ ނަތީޖާ ނެރެވިފައިނުވުމާ އެކު އަދި ހެރެތެރެއިން ނަތީޖާ ނެރުމަށްޓަކައި އެރަށުގެ ގޮނޑުދޮށާއި އަދި ވެށީގެ ހުރި މައްސަލަތައް ހައްލުކުރުމަށް، ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެތީ، ކުންފުންޏަށް އެއްމެ ފައިދާހުރި ގޮތަކީ ރިޒޯޓު އެންމެ އެކަށީގެންވާ ފަރާތަކަށް ވިއްކާލުމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ 2012 ގެ ޖުލައި އިން ފެށިގެން މިހާތަނަށް ހެރެތެރެއަށް ލިބިފައިވާ އެންމެ ފައިދާ ހުރި ޕްރޮޕޯޒަލް އަކީ ޓްރީ ޓޮޕް އިންވެސްޓްމަންޓްސް އިން ލިބިފައިވާ ޕްރޮޕޯޒަލް ކަމަށެވެ.

ހެރެތެރެއަކީ އެމްޓީޑީސީން ތަރައްގީކޮށް ހިންގި ހަމައެކަނި ރިސޯޓެވެ. ދެ ހާސް އަށް ވަނަ އަހަރު މިރިޒޯޓް ހުޅުވިގެން ފުރަތަމަ ހަ މަސް ދުވަހު ރިޒޯޓް ހިންގާފައި ވަނީ އެމްޓީޑީސީއިން އަމިއްލައަށެވެ. އަދި އެ އަހަރުގެ މޭ މަހުން ފެށިގެން 2009 ވަނަ އަހަރުގެ އޮގަސްޓަ މަހާ ހަމައަށް ރިޒޯޓް ހިންގާފައި ވަނީ ޔޮޓް ޓުއާސް އިން ހިންގި ނަމަވެސް ދެފަރާތުގެ ދެމެދުގައި މައްސަލަ އުފެދި، އެކަމުގެ ނޭދެވޭ އަސަރު ކުންފުންޏަށާއި ހެރެތެރެއަށް ކުރުމާއި ގުޅިގެން މައްސަލަ ކޯޓުން ބޭރުގައި ނިންމި އެވެ.

ހެރެތެރެ ހިންގި އަމާރީ ކުންފުނި ދޫކޮށްލުމުން މިހާރު އެ ރިސޯޓު ހިންގަނީ އެމްޓީޑީސީންނެވެ.