މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ އޮޅުވާލުމުގައި ޖެހި މިދިޔަ އަހަރު ހައްޖަށް ނުދެވުނު 126 މީހުންގެ ތެރެއިން 32 މީހަކު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހައްޖަށް ގެންދިއުމަށް ނިންމައިފި އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މާލީޝާ ހައްޖު ގުރޫޕަށް ފައިސާ ދައްކައިގެން ހައްޖަށް ނުދެވުނު މީހުންގެ ތެރެއިން 32 މީހުން ހައްޖަށް ފޮނުވުމަށް ބޭނުންވާ ފައިސާ މިހާރު ލިބިފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ އޭގެ ތެރެއިން 10 މީހަކު ހައްޖަށް ފޮނުވުމަށް ފައިސާ ދީފައިވަނީ މީހުން ހައްޖަށް ގެންގޮސްދޭ ރާއްޖެއިން ބޭރުގެ މީހެއް ކަމަށެވެ. އަދި 24 މީހަކު ހައްޖަށް ގެންގޮސްދިނުމަށް ސަރުކާރުން ހަމަ ޖައްސަދިނުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ޚަރަދު ކުރަންޖެހެނީ ތިން މިލިއަން ރުފިޔާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

މިދިޔަ އަހަރު މަލީޝާ ހައްޖު ގުރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން މިއަހަރު ހައްޖަށް ގެންދެވޭ 32 މީހުން ހޮވުމަށް ހަމަ ޖެހިފައިވަނީ ގުރުއަތުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

"މީގެ ތެރޭގައި ތިބި އަމިއްލައަށް ހައްޖަށް ނުދެވޭވަރު މީހުންގެ ތެރެއިން ތެރެއިން ގުރުއަތަކުން މި މީހުން ނަގާގޮތަށް އަޅުގަނޑުމެން މިވަނީ ނިންމާފަ. ދެން އަމިއްލައަށް ހައްޖަށް ނުދެވޭ މީހަކީ ކާކުކަން އެމީހަކު އަމިއްލައަށް ނިންމަން ޖެހޭނީ. އެމީހަކު އަމިއްލަށް ނާންނާނީ [ އަމިއްލައަށް ހައްޖަށް ދެވޭނެ ނަމަ ]،" ޝާހީމް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މި ހަފްތާގެ ބުރާސްފަތި ދުވަހު ގުރުއަތުނެގުމަށް ފަހު އެމީހުން ހައްޖު ގުރޫޕްތަކާއި ހަވާލުކުރާނެ ކަމަށެވެ.

މާލީޝާ ހައްޖުގުރޫޕަށް ފައިސާ ދައްކައިގެން ހައްޖަށް ނުދެވުނު އެންމެން ނުގެންދެވެނީ މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ލިބިފައިވާ ކޯޓާ މަދުކުރަން ޖެހުމުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލީޝާ ހައްޖުގުރޫޕަށް ފައިސާ ދައްކައިގެން ހައްޖަށް ނުދެވުނު އެންމެން ގެންދިއުމަށް ރިޒާވްކޮށް، އޭގެ ތެރެއިން 54 މީހުނަށް ފައިސާވެސް ހޯދި ކަމަށެވެ.

"އަދަދު މަދުވެގެން މިދިޔައީ މި ފަހަރު ކޯޓާއަށް އައި ބަދަލަކާއި ގުޅިގެން. އެހެން ނޫން ނަމަ 126 ޖަގަވެސް އޮތީ ރިޒާވްކޮށްފަ. އަދި އޭގެ ތެރެއިން 54 މީހުންގެ ޖާގައަށް ފައިސާވެސް ހޯދިފައިހުރީ. އެހެން ނަމަވެސް މިކަން މި ދިމާވީ ސައުދީ އަރަބިއްޔާއިން މި ގޮތަށް [ ކޯޓާ މަދުކުރުމަށް، ] ނިންމީމަ،"

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން ވަނީ އުފުލާފަ އެވެ.