17 Jun 2013, 15:49
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބިޓްރޭޝަންގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލެކެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި އެ ބިލް ފާސްކުރުމަށް 56 މެންބަރަކު ވޯޓުދެއްވާފައިވާއިރު ވަކިކޮޅަކަށް ވޯޓް ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.
އާ ބިޓްރޭޝަންގެ ބިލަކީ ގާނޫނު ގަބޫލުކުރާ ގުޅުމަކުން ގުޅިފައިވާ ބައެއްގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް، އާބިޓްރޭޝަންގެ ބައިނަލްއަގުވާމީ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ހައްލުކުރުމަށް މަގުފަހިކޮށްދިނުމަށް އަސޫލުތައް ބަޔާންކުރާ ބިލެކެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އާބިޓްރޭޝަންގެ ބިލްގެ ދެވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން އެ ބިލްގެ މަގުސަދަކީ ޝަރީއަތުގެ މަރުހަލާގެ ބަދަލުގައި ގާނޫނު ހުއްދަ ކުރާ އަދި ގާނޫނުން ބާރު ލިބިދޭ އެހެންވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް މަގުފަހި ކޮށްދިނުމެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލްގެ ބަހުސް މަރުހަލާގައި ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ ބިލަށް ތާއިދު ކޮށްފަ އެވެ. މެންބަރުން ވިދާޅުވީ އާބްޓިރޭޝަން ގާނޫނެއް މިހާރުން މިހާރަށް ވެސް ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ޝަރުއީ ނިޒާމް އޮތް ގޮތަށް ބަލައިރު ގާނޫނީ އިމުގެ ތެރެއިން ކޯޓުން ބޭރުން ނުވަތަ ކޯޓުގެ މަރުހަލާގެ ކުރިން މައްސަލަ ނިންމޭނެ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވި އެވެ.