މުޒާހަރާތަކުގައި ކުލައާއި ގައިހިރުވާ ފެން ފަދަ ތަކެތި ބޭނުން ނުކުރުމަށް ހޯމް މިނިސްޓަރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމެޓީން ނިންމާފައިވާ ގޮތަށް ކުލަ އާއި ގައިހިރުވާ ފެނާއި އިންސާނުގެ ހަމަށާއި ހަށިގަނޑަށް ގެއްލުން ވެދާނެ ފަދަ އެއްޗެއް މުޒާހަރާތަކުގައި ބޭނުން ނުކުރުމަށް ހޯމްމިނިސްޓަރަށް އެންގުމަށް ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދީފައި ވަނީ 24 މެންބަރުންނެވެ. އަދި ހޯމް މިނިސްޓަރަށް އެ އެންގުން އަންގަން ނުފެންނަ ކަމަށް 33 މެންބަރަކު ވަނީ ވޯޓުދެއްވާފަ އެވެ.

އެ މައްސަލައަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހުށަހެޅި މައްސަލަ އެކެވެ. ޖާބިރު އެ މައްސަލަ ހުށަހަޅާފައި ވަނީ މުޒާހަރާތައް ރޫޅާލުމަށް ފަސޭހައިން ނުފިލާ ވައްތަރެއްގެ ކުލައަކާއި ހިރުވާ ޒާތުގެ ފެން ބޭނުން ކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށް ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލީއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން އެ މައްސަލަ ބެލުމަށް ފަހު މިއަދު މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ބުނެފައި ވަނީ ކޮންމެ މީހަކަށް އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އިން ލިބޭ ހިނދު، މުޒާހަރާތަކުގައި ކުލަ އާއި ގައި ހިރުވާ ފެން ބޭނުންކުރުމުން، އެ މާއްދާ އިން ކަށަވަރުކޮށްދޭ އެއްވެ އުޅުމުގެ މިނިވަން ނިގުޅައިގަނެވޭ ކަމަށެވެ.

"މުޒާހަރާތަކުގައި މި ދެ ބާވަތް ބޭނުންކުރަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަންކުރާ ފަރާތަކާ ދެކޮޅަށް ކަމުގައިވީ ނަމަވެސް، ކުލަ އަދި ހިރުވާ ފެން ސްޕްރޭ ކުރުމުގައި، ކުށް ނުކުރާ ފަރާތްތަކަށް ވެސް އެކަމުގެ ގެއްލުމާއި އަނިޔާ ލިބިދާނެ ކަމުގެ ބިރު އޮތް ކަމަށް ކޮމިޓީން ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން، މި ދެ ބާވަތް ބޭނުންކުރުމަކީ އިންސާނުންނަށް ގެއްލުން ލިބިދާނެ ޒާތުގެ ތަކެތި ކަމަށް ވީ ހިނދު، ދިވެހިރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި އަދި ހާއްސަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި، މުޒާހަރާތަކުގައި މި ތަކެތި ބޭނުންކުރަން ފަށައިފި ނަމަ، ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ކޮމިޓީ އަށް ގަބޫލުކުރެވެ އެވެ،" ރިޕޯޓުގައިވެ އެވެ.