މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސްޓޭޝަނަށާއި އެތާގެ މުދަލަށް ގެއްލުންދީ ޓެރަރިޒަމްގެ އަމަލުތައް ހިންގިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަތަރު ކުދީންގެ ޝަރީއަތް ވަގުތީގޮތުން ހުއްޓާލުމަށް ހައިކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ މައްޗަށް ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ޖުވެނައިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އެ ހަތަރު ކުދީންގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއާ މެދު އެ ކޯޓުން ނިންމި ނިންމުން އޭގެތެރެއިން އެއްކުއްޖަކު އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

އެ އިޖުރާއީ ނުކުތާއާ މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލަ ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދިޔުމަކީ މައްސަލަ ހުށަހެޅި ކުއްޖާގެ ހައްގަށް އުނިކަމެއް ލިބޭނެކަމެއް ކަމަށް ހައިކޯޓަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ އަމުރުގައި ބުނެފައި ވެއެވެ. އެހެންކަމުން އެ އިޖުރާއީ ނުކުތާއާ މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ހަތަރު ކުދިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ހައިކޯޓުން ވަނީ ޖުވެނައިލް ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެ މައްސަލައަކީ ހެކީން ތަހުގީގަށް ދީފައިވާ ބަޔާންތަކުގެ ކޮޕީ އެ ހަތަރު ކުދީންނަށް ދޫނުކުރުމަށް ޖުވެނައިލް ކޯޓުން ނިންމާފައިވާ މައްސަލަ އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ތަހުގީގު ބަޔާންތައް ހޯދުމަށް އެ ކުދީން އެދިފައި ވަނީ ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ގަވައިދުގެ ދަށުންކަމަށްވާއިރު، އެ ބަޔާންތައް ދޫނުކުރެވޭނެ ކަމަށް ޖުވެނައިލް ކޯޓުން ކަނޑައަޅާފައި ވަނީ ދައުލަތުގެ ރަސްމީ އިދާރާތަކުން ސިއްރު ލިޔުންތައް ދޫނުކުރެވޭނެކަމަށް އެ ގަވާއިދުގައި ބުނެފައިވާތީ ކަމަށެވެ.