މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން މާލެ ސަރަހައްދުން ގަންނަން ނުވަތަ ބަޔަކާ ގުޅިގެން ހިންގާނެ ރިސޯޓެއް ނުވަތަ ހޮޓަލެއް ހޯދަން އިއުލާން ކޮށްފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ވިޔަފާރިކުރާ ކުންފުނިން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ސީ ޕްލޭން ރޭންޖްގެ މާލެ އަތޮޅުން ރިސޯޓެއް ވިއްކަން ނުވަތަ އެ ކުންފުންޏާ ގުޅިގެން ހިންގަން ޝައުގުވެރިވާ ދިވެހި ކުންފުނިތަކަށާއި ބޭރުގެ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައި ވަނީ އެކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން ރިސޯޓް ހިންގަން ނުވަތަ ވިއްކަން ބޭނުންވާ ގޮތާއި ކުންފުނީގެ ތަފުސީލް އަދި ރިސޯޓް ނުވަތަ ހޮޓަލުގެ ތަފުސީލް ހުށަހަޅަން ޖެހޭ ކަމަށެވެ.

އެމްޓީޑީސީން ބުނީ އެކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ.

ޓޫރިޒަމް ވިޔަފާރިކުރަން ސަރުކާރުން އުފެއްދި ކުންފުނިން މިވަގުތު ހިންގަނީ ހަމައެކަނި އައްޑު އަތޮޅު ހެރެތެރެ ރިސޯޓެވެ. ނަމަވެސް އެ ރަށް ހިންގައިގެން އެ ކުންފުންޏަށް ބޮޑު ގެއްލުމެއްވަމުންދާތީ، އެ ރިސޯޓް ވިއްކާލަން އެތައް ފަހަރެއްގެ މަތިން ވަނީ މަސައްކަތްކޮށްފަ އެވެ.