17 Jun 2013, 14:46
ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ހަރިކޭން ބާސްކެޓްބޯލް ކްލަބް ބަލިކޮށް، ރެޑްލައިން ކްލަބް ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހި ލައިފި އެވެ.
ރެޑްލައިން ރޭގެ މެޗް ކާމިޔާބު ކުރީ 72 ޕޮއިންޓް 68 ޕޮއިންޓުންނެވެ. ރޭގެ މެޗުގައި ރެޑްލައިންގެ އަލީ ފަޒްލީއާއި، އަހްމަދު އަފްޝަންއާއި ނިކޮލާ ކޫގާ، ކޮންމެ ކުޅުންތެރިއަކު ވަނީ ކުލަބަށް 15 ޕޮއިންޓް ހޯދައިދީފަ އެވެ. އަދި ހަރިކޭންއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 35 ޕޮއިންޓް ހޯދައިދިން މާކޯ ސެމޮނަވިޗް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެޑްލައިންގެ އަލީ ފަޒްލީ އެވެ.
ދެ ބުރު ކުޅުމަށް ޖަމަޖެހިފައިވާ ގައުމީ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުމަކަށް އަންނަ އިރު މިހާތަނަށް ކޮންމެ ޓީމެއްވަނީ ހަތަރު މެޗް ކުޅެފަ އެވެ. އެގޮތުން ރެޑްލައިން ތާވަލުގެ އެއްވަނަ ހޯދާފައި ވަނީ ލީގުގައި އެ ކްލަބް މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ 8 ޕޮއިންޓާ އެކުގަ އެވެ. ތާވަލުގެ ދެވަނައިގައި އޮތް ޓީރެކްސްއަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު ހަ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ދިވެހި ސިފައިންގެ ކްލަބެވެ. އަދި ހަ ޕޮއިންޓާއެކު ހަރިކޭން ބީސީ ހަތަރުވަނައިގައި އޮތްއިރު ފަސް ޕޮއިންޓް ހޯދައިގެން ފަސް ވަނައިގައި އޮތީ ދަ ބައުސްއެވެ. ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ 4 ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތީ ކްލަބް އީގަލްސް އެވެ.
ލީގުގައި އިއްޔެ ހަވީރު، ދަ ބައުސް ސްޕޯޓްސް ކްލަބް ވަނީ 57 ޕޮޮއިންޓްގެ ބޮޑު ތަފާތަކުން އީގަލްސް ބަލިކޮށް ފުރަތަމަ މޮޅު ހޯދާފަ އެވެ. ބައުސް މެޗު ކާމިޔާބު ކުރީ، 101 ޕޮއިންޓް 44 ޕޮއިންޓުންނެވެ.
މިއަދު ހަވީރު 4:15ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ރެޑްލައިން ކުލަބާއި ކްލަބް އީގަލްސް ބައްދަލު ކުރާއިރު އެ މެޗަކީ ދެޓީމުވެސް މި ބުރުގައި ކުޅޭ ފަހު މެޗެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފަވާ މެޗުގައި ވާދަކުރާނީ ޓީރެކްސްއާއި ހަރިކޭން އެވެ.