17 Jun 2013, 14:26
ކަނޑަށް ޖައްސާ މަތިންދާ ބޯޓުގެ ހިދުމަތްދޭ މޯލްޑިވިއަން އެއާ ޓެކްސީގެ ނަން ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ނަމަށް ބަދަލުކޮށްފި އެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މޯލްޑިވއަން އެއާޓެކްސީގެ ނަން ޖޫން 10ން ފެށިގެން ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ޓީއެމްއޭގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު ލަތީފް މިއަދު ވިދާޅުވީ ދެ ކުންފުނި މާޖްކުރުމުގެ (އެއްކޮށްލުމުގެ) މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް މުޅިން ނިންމާލަން ދުވަސްކޮޅެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ ޓްރާންސް މޯލްޑިވިއަން އެއާވޭސްއަކީ ކުރިން ދެ ކުންފުނިން ދެމުންގެންދިޔަ ސީ ޕްލޭންގެ ހިދުމަތް ގުޅިގެން ދިނުމަށް އަލަށް އުފެއްދި ކުންފުންޏެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިވަނީ ކުރިން ޓީއެމްއޭ އާއި އެމްއޭޓީ ދެމުގެންދިޔަ ހިދުމަތްތައް އާ ކުންފުނީގެ ދަށަށް ބަދަލުކޮށްފައި. އަދި އެ ދެ ކުންފުނިން ދެމުންގެން ދިޔަ ހިދުމަތް މިހާރު ދެމުން އަންނަނީ އަލަށް އުފެއްދި ކުންފުނިން،" އޭނާ ވިދާޅުވި އެވެ.
ސީ ޕްލޭންގެ ހިދުމަތްދޭ ދެ ކުންފުނި އެމެރިކާގެ މަޝްހޫރު އިންވެސްޓްމަންޓް ކުންފުނިން ބްލެކްސްޓޯ އިން ގަނެ ސީ ޕްލޭން އިންޑްސްޓްރީގެ ބޮޑު ހިއްސާއެއް ގަތީ މި އަަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި މިހާރު އަލަށް ހެދި ކުންފުނީގެ މައިގަނޑު ހިއްސާދާރަކީ އެމެރިކާގެ ބްލެކް ސްޓޯން ގްރޫޕެވެ. ނަމަވެސް އެއީ ކިތައް ޕަސެންޓް ހިއްސާއެއް ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.