ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓިން ނިންމެވި ގޮތަށް ފާސްކޮށްފި އެވެ.

ކުރީގެ ރައީސް މަހައްމަދު ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީޙަށް ހުށަޙެޅި އާންމު ފަރުދުންގެ ވިޔަފާރީގެ ވިލް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އަޣުލަބިޔަތުންނެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލަކީ 2012 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާ އިން ފާސްކޮށް ރައީސުލްޖުމްހޫރީއްޔާ އަށް ތަސްދީގުކުރަން ފޮނުވުމުން އަލުން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބިލެކެވެ.

ރައްޔިތުންގެ މަޖިލީހަށް ބިލް އަނބުރާ ފޮނުއްވައި ރައީސުލްޖުމްހޫރީއްޔާ ވިދާޅުވެފައި ވަނީ ވިޔަފާރީގެ މަސްއޫލްވެރިޔާ މަރުވެއްޖެ ނަމަ ދެން އެ ވިޔަފާރިއެއް ކުރިއަށް ގެންދެވޭނީ އެ ވިޔަފާރިވެރިޔާގެ ވާރިސުންނަށް ކަމަށް ބިލްގައި ބުނެފައިވާ ކަމަށާއި އެގޮތުން އަލުން އެ ވިޔަފާރި ކުރިއަށް ގެންދިއުމަށް ޓަކައި ވިޔަފާރިވެރިޔާގެ ވާރިސުންގެ ނަންމަތީގައި އެ ވިޔަފާރިއެއް އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ބިލްގައި ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އަމިއްލަ ފަރުދެއްގެ ނަންމަތީގައި ރަޖިސްޓްރީ ކުރާ ވިޔަފާރިއެއް އެ ވިޔަފާރީގެ މަސްއޫލުވެރިޔާ މަރުވެއްޖެ ނަމަ އެ ވިޔަފާރިއެއް ނިމުމަކަށް އަންނާނެ ކަމަ ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އެހެން ކަމުން ވުޖޫދުގައި ނެތް ވިޔަފާރިއެއް ކުރިއަށް ގެންދެވޭނެ ކަމަށް ބިލްގައި ބަޔާންކޮށްފައި އޮތުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ އުސޫލެއް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން ބިލުން އެބައި އުނިކޮށްދެއްވުމަށް ރައީސްގެ ސިޓީގައި އެދިފައިވެ އެވެ.

ރައީސުލްޖުމްހޫރީއްޔާގެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ އަމިއްލަފަރުދުންގެ ވަިޔަފާރީގެ ބިލް ގާނޫނަކަށްވުމުން އެ ބިލް ވުޖޫދަށް އައުމުގެ ކުރިން އުފެދިފައިވާ ވިޔަފާރި އާއި ދޭތެރޭ އަމަލުކުރާނޭ އުސޫލެއް ބިލްގައި ބަޔާންކޮށްފައިނުވާ ކަމަށައި އެހެން ކަމުން އެކަމަށްޓަކައި އުސޫލެއް ކަނޑައަޅައި ދިނުމަށް އެދިފައިވެ އެވެ.

އާންމު ފަރުދުންގެ ވިޔަފާރީގެ ބިލް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު ބިލްގެ 24 ވަނަ މާއްދާގައިވާ ގޮތުން އަމިއްލަ ފަރުދެއްގެ ނަންމަތީގައި ކުރަމުންދާ ވިޔަފާރިއެއް އެ ވިޔަފާރިވެރިޔާ މަރުވެއްޖެ ނަމަ އެ ވިޔަފާރިއެއް އަލުން ކުރިއަށް ގެންދެވިދާނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އަލުން އެ ވިޔަފާރިއެއް ކުރިއަށް ގެންދެވޭނީ އެ ވިޔަފާރީގެ މަސްއޫލުވެރިޔާގެ ވާރިސުންނަށް ކަމަށާއި އަދި އަލުން އެ ވިޔަފާރި ކުރިއަށް ގެންދިއުމަށް ޓަކައި ވާރިސުންގެ ނަންމަތީގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ބިލް ފާސްވެގެންއައިރު ބިލުން ވަނީ އެ މާއްދާ އުނިކޮށްފަ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިޅިހުގެ ޖަލްސާގައި ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީގެތަކުގެ މެންބަރުން ވަނީ ބިލަށް ގެނަވުނު އިސްލާހަށް ތާއިދު ކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. އެހެން ނަމަވެސް އެދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ އަމިއްލަފަރުދެއްގެ ނަންމަތީގައި ކުރާ ވިޔަފާރިއެއް އެ ވިޔަފާރީގެ މަސްއޫލުވެރިޔާ މަރުވިޔަސް އެ ވިޔަފާރި އެއް ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ.

ކުރީގެ ރައީސް މަހައްމަދު ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީޙަށް ހުށަޙޭލި އާންމު ފަރުދުންގެ ވިޔަފާރީގެ ވިލް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އަގްލަބީޔަތުންނެވެ.