އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ކުއްޔައް ދިނުމުގައި ކޮރަޕްޝަންގެ މައްސަލައެއް އެކުލެވިގެން ނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ނިންމައިފި އެވެ.

އޭސީސީން މިއަދު ނެރެފައިވާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމާގުޅޭ މައްސަލައިގެ ތަހުގީގު ރިޕޯޓްގައި ބުނެފައި ވަނީ ޖީއެމްއާރު ކޮންސޯޓިއަމާއި ސަރުކާރާއި އެމްއޭސީއެލްއާ ދެމެދު 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ކޮންސެޝަން އެގްރިމެންޓްގައި ސޮއިކޮށްފައިވާއިރު އެ ބިޑް އިވެލުއޭޝަން މަރުހަލާގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށެވެ.

"ބިޑް އިވެލުއޭޝަން މަރުހަލާގައި ގާނޫނު ނަމްބަރު 2000/2 ގަ ބުނާފަދަ ކޮރަޕްޗަނުގެ އަމަލެއް ހިންގާފައިވާކަމަށް ބެލެވެން ނެތުމާއެކު، ގާނޫނު ނަމްބަރު 2008/13 ގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަން ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމީ އެވެ" އެރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރި ހަ ފަރާތުގެ އެޕުލިކޭޝަން އިވެލުއޭޓްކުރުމަށް ފަހު ފާސްވެފައިވާ ކަމަށާއި އެގޮތުން ހުރިހާ ފަރާތަކަށް ވެސް ބިޑް ކުރުމާއި އިވެލުއޭޝަން ކުރިއަށް ގެންދާނެ ގޮތުގެ ފުރިހަމަ މައުލޫމާާތު ލިބިފައިވާ ކަމަށެވެ. އަދި އެ އެގްރިމެންޓްގައި އިނީޝިއަލް ކޮންސެޝަން ފީ ކެނޑޭ ގޮތަށް ސަރުކާރަށް ދައްކަން ޖެހޭކަމަށް ބުނެފައިވާއިރު ޖީއެމްއާރް ކޮންސޯޓިއަމުން ސަކްސަސް ފީއާ އެއްވަރުގެ އަދަދެއް ފެޑްރަލް ރިޒާވް ބެންކް އޮފް ނިއުޔޯކްގައި އޮންނަ އެމްއެމްއޭގެ އެކައުންޓަށް 25 ޖޫން 2010 ގައި ޖަމާކޮށްފައިވާކަން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި އޭގެ އިތުރުން އޭސީސީއިން ހެދި ހިސާބުތައް ދައްކާގޮތުން އެމްއޭސީއެލްއިން އެއާޕޯޓް ހިންގައިފިނަމަ 25 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބެނީ ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 254 މިލިއަން ޑޮލަރުކަމަށްވާއިރު ޖީއެމްއާރްއިން އެމުއްދަތުގައި އެއާޕޯޓް ހިންގައިފިނަމަ 534 މިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެކަމަށް ބެލެވޭތީ ސަރުކާރަށް ބޮޑަށް ފައިދާވާނީ އެއާޕޯޓް ޕްރަވެޓައިޒް ކުރުމުން ކަމުގައިވާ ކަމަށް ވެސް އެރިޕޯޓްގައި ބުނެފައިވެ އެވެ.

އަދި އެ ރިޕޯޓްގައި ބުނެފައި ވަނީ އައިއެފްސީން ލަފާކޮށްފައިވާ އެމްޓީއާރްގައިވާ ކަންތައް ފުރިހަމަކުރުމަށްޓަކައި 366.5 މިލިއަން ޑޮލަރާއި 2014 ވަނަ އަހަރު ނިމެން ވާއިރަށް އެއާޕޯޓް ބައިނަލްއަގުވާމީ ގަވައިދަށް ފެއްތުމަށް 287 މިލިއަން ޑޮލަރު ބޭނުންވާކަމަށް އެގްރިމެންޓުގައި ބުނެފައިވާއިރު އެއާޕޯޓުން ރެވެނިއު ލިބޭ ގޮތްގޮތަށް ވެސް ބިޑް ހުށައެޅި ފަރާތްތަކަށް އަންގާފައިވާ ކަމަށާއި އެގޮތުން ބިޑް ހުށައެޅި ތިން ފަރާތައް ވެސް ބިޑް ކާމިޔާބު ކުރުމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ހަމަހަމަކޮށް ދީފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ފައިނޭޝަން ބިޑް އިވެލުއޭޓްކުރުމުގައި ބަލާނެ ކަމަށް އާރްއެފްޕީގައި ބުނެފައިވާގޮތަށް އިވެލުއޭޓް ކުރުމުން އެންމެ ބޮޑު ކޮންސެޝަންފީގެ ނެޓް ޕްރެސްޓް ވެލިއުއެއް ހުށަހަޅާފައި ވަނީ ޖީއެމްއާރް ކޮންސޯޓިއަމުން ކަމަށް ބުނެފައިވެ އެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ އެމްއޭސީއެލް އާއި ޖީއެމްއާރް ކޮންސޯޓިއަމްއާ ދެމެދު އެގްރިމެންޓް ކުރެވިފައި ވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ކަމަށްވާތީ އެއީ މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހު ގެޒެޓްކުރުމުގެ ކުރިން ކަމަށާއި އެހެންކަމުން މަޖިލީހުން އެ އިސްލާހު ފާސްކޮށްފައި ވަނިކޮށް ޖީއެމްއާރު އެގްރިމަންޓްގައި ސޮއިކުރުމަކީ ކޮރަޕްޝަން ކަމަށް ބެލެވޭކަށް ނެތެވެ.

އޭސީސީން ގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެއާޕޯޓް ހަވާލުކުރުމުގެ މަރުހަލާގައި އެންމެ މަތިން މާކްސްއެއް ލިބުނީ ޖީއެމްއާރަށް ކަމަށެވެ. އަދި ބިޑް އިވެލުއެޝަން ކޮމެތިއިން އެގޮތަށް ނިންމާ އެގޮތަށް އެކޮމެޓީގެ މެމްބަރުން ސޮއިކޮށްފައިވާތީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމަށް ބެލެވެން ނެތް ކަމަށް އޭސީސީ ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ ޖީއެމްއާރްގެ އަތުން އެއާޕޯޓް އަތުލާފަިއވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީ ކޮޅުގަ އެވެ. ރައީސް ނަޝީދުގެ ސަރުކާރުން ޖީއެމްއާރްއަށް އެއާޕޯޓް ދިނީ 25 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށެވެ.