17 Jun 2013, 13:36
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީންގެ ހިއްސާ ކުރިން އޮތް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނު ދައްކާފައި ނުވާތީ، ރަހުނުގެ ގޮތުގައި ހުށަހެޅި "މަޑިވަރު 3" ސަފާރީގެ ނީލަން ހަ މިލިއަން ރުފިޔާ އަށް ނީލަން ނިންމާލައިފި އެވެ.
ބޭންކުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މިހާރު ބީއެމްއެލް އިންވެސްޓްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ މަޑިވަރު 3 ސަފާރީ ގަތުމަށް އެކްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް ހުޅުވާލުމުން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އެންމެ މަތީ އަގެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ހަ މިލިއަން ރުފިޔާ ކަމަށެވެ. އަދި އެއީ ނީލަން ފެށިއިރު ވެސް އޮތް އަގެވެ.
ބޭންކުން ނެރުނު އިއުލާނުގައިވާ ގޮތުން ސަފާރީ ގަތުމަށް ހުށަހަޅާ އަގު ޖެހިޖެހިގެން ފަސް ދުވަސް ވަންދެން އެއް އަގެއްގައި އޮވެއްޖެ ނަމަ ނީލަން ނިންމާލެވޭނެ ކަމަށެވެ. އެ ސަފާރީ ގަތުމަށް އެންމެ ފަހުން ހުށަހެޅި އަގުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި އެ އިއުލާން ވެސް ބޭންކުގެ ވެބްސައިޓުން މިހާރު ވަނީ ނަގައިފަ އެވެ.
ބީއެމްއެލް އިން ބުނީ އެ ސަފާރީ ވިއްކާލުމުގެ ނީލަން ނިމިފަައިވާ ކަމަށާއި އެންމެ މަތީ އަގު ހުށަހެޅި ފަރާތުގެ ނަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
ބީއެމްއެލް އިން ވަނީ ތ. ފުނައްޑޫގައި ހިންގި މަސްފެކްޓްރީއާއި އެ ރަށާއި މަސްވެރިކަމުގެ ޒޯން3 އަދި 4 އަކަށް ދީފައިވާ މަސް ގަތުމުގެ ހުއްދައަށް ޝައުގުވެރިވާ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.
ފުނައްޑޫ އަށް ޝައުގުވެރިވާ ބަޔަކު ހޯދަން ބޭންކުން އިއުލާން ކުރީ، ފުނައްޑޫ އިންވެސްޓްމަންޓުން ނެގި ލޯނު، ކޯޓުން ކުރި ހުކުމާ އެއްގޮތަށް ނުދައްކައިގެން ރަހުނުކުރި ތަކެތި ބޭންކާ ހަވާލުކުރުމުންނެވެ.
ފުނައްޑޫން ބީއެމްއެލް އިން ނެގި ލޯނު ދައްކާފައި ނުވާތީ ރަހުނުގެ ގޮތުގައި ހުށަހެޅި ތަކެތީގެ ތެރޭގައި ހިމެނޭ ރީތި ބީޗް ރިސޯޓް )ބ. ފޮނިމަގޫދޫ( އާއި ގއ. މަހައްދޫ ތ. ފުނައްޑޫގެ ވެރިފަރާތް ބީއެމްއެލް އިން އުފެއްދި ދެ ކުންފުންޏަށް ވަނީ ބަދަލުކޮށްދީފަ އެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން ބޭންކުން ލޯނު ނަގާފައި ވަނީ ފުނައްޑޫގައި ހުރި ހުރިހާ އިމާރާތަކާއި އިންވެސްޓްމަންޓާއި ކަނބާލިފަރު އިންވެސްޓްމަންޓުގެ "މަޑިވަރު 3" ޔޮޓާއި ރީތި ބީޗް ރިސޯޓާއި ރިސޯޓުގެ އެންމެހާ މުދަލާއި ރިސޯޓާ ގުޅުން ހުރި، އެ ތަނުގައި ބޭނުންކުރާ އެންމެހާ ތަކެއްޗާއި ލިބެން ޖެހޭ ފައިސާ ވެސް ރަހުނުކުރުމަށް ފަހު އެވެ. ލޯނުތަކަށް ފައިސާ ދައްކަމުން ނުދާތީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން އިންޓްރަސްޓާ އެކު ބީއެމްއެލް އަށް ދައްކަން ޖެހޭ އަދަދު 206 މިލިއަން ރުފިޔާ އަށް އަރައިފައިވެ އެވެ.