17 Jun 2013, 13:27
ނިއު ޒިލެންޑުގެ ވެރިރަށް އޯކްލެންޑުގައި ހުންނަ 15 ބުރީގެ އިމާރާތެއްގެ އެންމެ މަތީ ފަންގިފިލާ އިން ވެއްޓުނު މީހަކު ބޮޑު އަނިޔާތަކެއް ނުލިބި، ސަލާމަތްވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓޮމް ސްޓިލްވެލް ނަމަކަށް ކިޔާ އިނގިރޭސި ރައްޔިތެއް 15 ބުރީގެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ މަތިން ވެއްޓުނީ 15 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނިން ތިރީގައިވާ އެޕާޓްމަންޓުގެ ބެލްކަންޏަށް ފައިބަން މަސައްކަތް ކުރަނިކޮށެވެ.
ޓޮމްގެ ރައްޓެހިންނާ ހަވާލާދީ ބީބީސީ އިން ބުނީ ޓޮމްއަށް ލިބިފައި ވަނީ އާދައިގެ އަނިޔާތަކެއް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ބިންދައިގެން ގޮސްފައިވާ ކަށީގެ މައްސަލަތަކެއް ކަމަށެވެ.
ނިއު ޒިިލެންޑުގައި މަސައްކަތްކުރަމުންދާ ޓޮމް ސްޓިލްވެލް އޭނާ އުޅޭ އެޕާޓްމަންޓްގެ ތަޅުދަނޑި ނެތުމުން މަސައްކަތްކޮށްފައި ވަނީ މަތީގައިވާ އެޕާޓްމަންޓުގެ ބެލްކަނިން އަމިއްލަ އެޕާޓްމަންޓަށް ފައިބަން ކަމަށް އޭނާގެ އަވަށްޓެރިއެއް ކަމަށްވާ ޖެރާލްޑިން ބޯޓިސްޓާ ބުނެ އެވެ.
ޖެރާލްޑިން ބުނީ އެޕާޓްމަންޓަށް ނުވަދެވުމުން ޓޮމް މައްޗަށް އެރުމަށް ފަހު، ޖެރާލްޑިންގެ އެޕާޓްމަންޓުގެ ބެލްކަނިން ތިރިއަށް ފޭބުމަށް އެދުނު ކަމަށާއި، އެހެން އެދުމުން އެއީ ނުކުރެވޭނެ ކަމެއް ކަމަށް ދެއްކުމަށް ޓޮމް ބެލްކަންޏަށް ގެންދިޔަ ކަމަށެވެ.
އަދި އޭނާ އަށް ހުއްޓުވޭވަރު ވުމުގެ ކުރިން ޓޮމް ބެލްކަނީގެ ދަގަނޑުން ތިރިއަށްދާން މަސައްކަތްކުރި ކަމަށާއި އެގަޑީގައި ތިރިއަށް ވެއްޓުނީ ކަމަށް ޖެރާލްޑިން ބުންޏެވެ.
ޓޮމް ވެއްޓިފައި ވަނީ ޖެހިގެން ހުރި އިމާރާތުގެ ފުރާޅުމައްޗަށެވެ.
ނިއު ޒިލެންޑުގެ ސެއިންޓް ޖޯން އެމްބިއުލަންސްގެ އޮފިޝަލަކު ވިދާޅުވީ މިހާ މަތިން ވެއްޓޭ މީހުން ސަލާމަތްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި ޓޮމް ސަލާމަތްވެފައި ވަނީ ސީދާ ބިންމައްޗަށް ނުވެއްޓި ފުރާޅަށް ވެއްޓުމުގެ ސަބަބުން އޭނާގެ ފޯލް ބުރޭކްވުމުން ކަމަށެވެ.